ދެކުނު އޭޝިއާގެ ހޭނައްތާ ޑޮކްޓަރުންގެ ބޮޑު ކޮންގްރެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވައިފި

ދެކުނު އޭޝިއާގެ ހޭނައްތާ ޑޮކްޓަރުންގެ ބޮޑު ކޮންގްރެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވައިފި

1 hour ago - 23:07
Advertisement
Advertisement

ދެކުނު އޭޝިއާ ސަރަހައްދުގެ ހޭނައްތާ ޑޮކްޓަރުންގެ ކޮންގްރެސް (ސައުތު އޭޝިއަން ކޮންގްރެސް އޮފް އެނެސްތީސިއޮލޮޖިސްޓްސް) ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ބާއްވައިފިއެވެ. އއ. އުކުޅަހުގައި މި މަހުގެ 14 އިން 15 އަށް ކުރިއަށް ގެންދިޔަ މި ކޮންގްރެސްގައި ސާކް ސަރަހައްދުގެ ހުރިހާ ގައުމަކުން ހޭނައްތާ ޑޮކްޓަރުން ބައިވެރިވެފައިވެއެވެ.


ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާއާއި، މިނިސްޓްރީ އޮފް ހެލްތު އަދި ރާއްޖޭގެ ހޮސްޕިޓަލްތައް ގުޅިގެން އިންތިޒާމުކުރި މި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ. އަހުމަދު އަޝްރަފެވެ. ކޮންފަރެންސް ފެށިގެން ދިޔައީ ބައިވެރިވާ ގައުމުތަކުގެ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާތަކުގެ ފަރާތުން އެ ގައުމުތަކުގެ ގައުމީ ދިދަ ނިއުޅާލުމާ އެކުގައެވެ.


މި ރަސްމިއްޔާތުގެ ތެރެއިން، ރާއްޖޭގެ ސިއްހީ ދާއިރާއަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި ރާއްޖޭގެ ފުރަތަމަ ހޭނައްތާ ޑޮކްޓަރު، މަރުހޫމް ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި ހާއްސަ ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ.


ކޮންގްރެސްގެ އިފްތިތާހީ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. އަހުމަދު އަޝްރަފް ވިދާޅުވީ މިއީ ހަމައެކަނި އިލްމީ ބައްދަލުވުމަކަށްވުރެ ބޮޑަށް، އެކަކު އަނެކެއްގެ ކިބައިން އުނގެނުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ސަރަހައްދީ ގައުމުތަކުގެ ސިއްހީ ނިޒާމުގައި ހުރި އެއްގޮތް މައްސަލަތަކަށް މަޝްވަރާކޮށް ހައްލު ހޯދުމަށާއި، ސިއްހީ ހިދުމަތުގެ ފެންވަރު ހަރުދަނާކުރުމަށް މިފަދަ ބައްދަލުވުންތަކުގެ ބޭނުން ހިފުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ.


ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސް ޑރ. އައްސަދު އަހުމަދު ޝަހީދު ވިދާޅުވީ ރާއްޖޭގައި މި ދާއިރާ އިތުރަށް ތަރައްގީކުރުމަށް ސަރަހައްދީ ގައުމުތަކުގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއި އެއްބާރުލުން ނުހަނު ބޭނުންތެރި ކަމަށެވެ.


ޖުމްލަ 220 ބައިވެރިންނާއެކު ކުރިއަށްދިޔަ މި ކޮންފަރެންސްގައި، ރާއްޖޭން ބޭރުގެ ސަރަހައްދީ 190 ތަޖުރިބާކާރުން ބައިވެރިވެ، އެނެސްތީސިއޮލޮޖީގެ ދާއިރާއިން އެންމެ ފަހުގެ ހޯދުންތަކާއި ދިރާސާތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މީގެއިތުރުން، ކޮންފަރެންސް ފެށުމުގެ ކުރިން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގައި ހާއްސަ ވޯކްޝޮޕްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.


މި ކޮންގްރެސް އެންމެ ފަހުން ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ. އޭގެފަހުން 2024 ވަނަ އަހަރު ބަންގްލަދޭޝްގައި މި ބައްދަލުވުން ބޭއްވުމަށް ކުރިން ތާވަލުކުރި ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެކަން ނުވުމުން ކޮންގްރެސް ބޭއްވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ލިބިގެންދިޔައީއެވެ. ސިއްހީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، މި ކޮންގްރެސްގެ ސަބަބުން ރާއްޖޭގެ ހޭނައްތާ ދާއިރާއަށް އިތުރު މީހުން ބިނާކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement