ކައުންސިލްތަކުގެ ބިން ވަކިކުރާ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނާ މެދު އެލްޖީއޭގެ ބަހެއް ހޯދަން ނިންމައިފި
ކައުންސިލްތަކުގެ އިހްތިސާސްގައި ހިމެނޭ ބިންތައް ވަކިކުރުމުގެ ބާރު ސަރުކާރަށް ލިބޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ހުށަހެޅި ޕެޓިޝަނާ މެދު ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބަހެއް ހޯދުމަށާއި، ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް އެ ޕެޓިޝަން އެޖެންޑާކުރުމަށް މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ނިންމައިފިއެވެ.
މިއަދު ބޭއްވި ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި މި ދެ ނިންމުން ނިންމާފައިވަނީ ކޮމިޓީއަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ. އެގޮތުން، މި ޕެޓިޝަނާ ގުޅޭގޮތުން އެލްޖީއޭއިން ދެކޭ ގޮތް ލިޔުމުން ހޯދުމަށް ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒެވެ. އަދި ކުރިއަށް އޮތް ތިން ޖަލްސާގެ ތެރެއިން ޖަލްސާއަކަށް މި ޕެޓިޝަން އެޖެންޑާކުރުމަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.
މި މަހުގެ 8 ވަނަ ދުވަހު ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު ހުށަހެޅި މި ޕެޓިޝަނުގައި ބަޔާންކޮށްފައިވަނީ، ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ ސަބަބުން ރައްޔިތުން އިންތިޚާބުކުރާ ކައުންސިލަރުންގެ ބާރުތައް ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ޖަމާވެގެންދާނެ ކަމަށެވެ. އަދި ރަށުގެ ކަންކަމުގައި އާންމު ރައްޔިތުންނަށް ބަސްބުނުމަށް އޮންނަ ހައްގު މި ބިލުގެ ސަބަބުން ހަނިވެގެންދާނެ ކަމަށްވެސް އެ ޕެޓިޝަނުގައި ފާހަގަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބަޔާންކުރާ ގޮތުގައި، ވޯޓުލެވޭ އާބާދީގެ 0.5 އިންސައްތަ ނުވަތަ 2،100 މީހުން ސޮއިކޮށްފިނަމަ، އެ ޕެޓިޝަނެއް ދިރާސާކުރުމަށް ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންޖެހެއެވެ. މި ޕެޓިޝަނަށް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 2،100 އަށްވުރެ ގިނަ މީހުން ވަނީ ތާއީދުކޮށް ސޮއިކޮށްފައެވެ.
ރިއެކްޝަންސް

