ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ކުށްވެރިން ދޫކޮށްލިކަމުގެ ތުހުމަތު ދާހިލީ ވަޒީރު ދޮގުކުރައްވައިފި
ފާއިތުވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބުކުރުމުގެ ބޭނުމުގައި އެއްވެސް ކުށްވެރިޔަކު ސަރުކާރުން ދޫކޮށްލާފައިނުވާނެ ކަމުގައި ދާހިލީ ސަލާމަތާއި، މަސައްކަތްތެރިކަމާއި، ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު މިހެން ވިދާޅުވީ، ނިމިދިޔަ އިންތިހާބާ ދިމާކޮށް ޖަލުގައި ހުރި ކުށްވެރިޔަކު ދޫކޮށްލި ކަމަށް ތުހުމަތުކޮށް ނޫސްވެރިޔަކު ކުރިމަތިކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ، ތުހުމަތުކުރެވުނު ކުށްވެރިޔާ ބަންދުން ދޫވީ ސިޔާސީ ނިންމުމެއްގެ ދަށުން ނޫންކަމަށާއި، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގާނޫނީ ހަމަތަކާ އެއްގޮތަށް ކަންކަން ކުރިއަށް ދިޔައީ ކަމަށެވެ. "މީހަކު ހައްޔަރަށް ނަގާ ހިސާބުން ފެށިގެން ޓައިމްލައިނެއް އެބަ ފެށޭ. އެ ޓައިމްލައިން ބައްލަވައިފިއްޔާ އެނގޭނެ މިއީ އިންތިޚާބާ ގުޅުންހުރި ނިންމުމެއް ނޫންކަން. އެއީ ޕީޖީން ދައުވާ އުފުލާނީތޯ ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީތޯ ކަނޑައަޅަން އޮތް ދުވަސް އެ ހިސާބަށް ދިމާވީމާ ވީ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.
ތަފްސީލު ހިއްސާ ކުރައްވަމުން ވަޒީރު ވިދާޅުވީ، ދޫކޮށްލި ފަރާތަކީ އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަނެއްގެ ތެރެއިން ހައްޔަރުކުރި ފަރާތެއް ކަމަށެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ، ދައުވާ ކުރުމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގޮތެއް ނިންމަންޖެހޭ ނިންމަންޖެހޭ ގާނޫނީ މުހުލަތު ފަހަނައެޅި، ދައުވާ ކުރުމާ ގުޅޭ ގޮތުން ގޮތެއް ނުނިންމި ބަންދުގައި ބެހެއްޓޭނެ ގާނޫނީ ސަބަބެއް ނެތުމުން ދޫކޮށްލަންޖެހުނީ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ފާހަގަ ކުރެއްވި ގޮތުގައި، ފުލުހުން ވަނީ ދިމާވި ހާދިސާ ތަހުގީގުކޮށް ގިނަ ހެކިތަކެއް ހޯދާފައެވެ. ނަމަވެސް ޕީޖީ އޮފީހުން ދިން ލަފަޔަކީ، ލިބިފައިވާ ހެކިތަކަކީ ކޯޓަށް ހުށަހަޅައިގެން މައްސަލަ ކާމިޔާބު ކުރެވޭ ވަރުގެ ހެކިތަކެއް ނޫން ކަމަށެވެ. ވަޒީރު ވިދާޅުވީ ބަންދުން ދޫކޮށްލުމަކީ ތަހުގީގު ހުއްޓި ނިމުނު ކަމެއް ނޫންކަމަށާއި، ބަންދުން ދޫވި ނަމަވެސް ތަހުގީގު ކުރިއަށް ދާނެ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، މީހަކު ހައްޔަރުކޮށް ބަންދުކުރެވޭ ހިސާބުން ފެށިގެން ތަހުގީގާ ދައުވާ ކުރުމާ ގުޅޭ ވަކި ޓައިމްލައިނެއް ގާނޫނީ ގޮތުން ކަނޑައެޅިފައި އޮންނަ ކަމަށެވެ. އެ ޓައިމްލައިނަށް ރިއާޔަތްކޮށް ބެލި ބެލުމުން، ދިމާވި ހާދިސާ އިންތިހާބާ ގުޅިފައިވާ ސިޔާސީ ނިންމުމެއްގެ ނަތީޖާ ނޫންކަން ސާފުވެ ހާމަވެ ގެންދާ ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުތަކުގައި ތަކުރާރުކޮށް ފެނިގެންދިޔަ ފަދައިން، ސިޔާސީ ބޭނުމުގައި ކުށްވެރިން ދޫކޮށްލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހިންގި ކަމެއް ނޫން ކަމަށެވެ. ކުރީ ސަރުކާރުތަކުގައި ތަހުގީގަށް ހައްޔަރުކޮށްފައި ތިބި ފަރާތްތަކާއި ކުށް ސާބިތުވެ ޖަލު ހުކުމް ތަންފީޒުކުރަމުންދިޔަ ފަރާތްތައް ވެސް، ބޮޑެތި ކުށްތައް ސާބިތުވެފައިވާ ފަރާތްތައް ހިމެނޭ ގޮތަށް، ސިޔާސީ ބޭނުންތަކަށް ދޫކޮށްލި ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް

