އަތޮޅު ކައުންސިލްތައް އުވާލަން ގެނައި ބަދަލު ބާތިލުކުރަން ގާނޫނުއަސާސީއަށް އިސްލާހެއް!

އަތޮޅު ކައުންސިލްތައް އުވާލަން ގެނައި ބަދަލު ބާތިލުކުރަން ގާނޫނުއަސާސީއަށް އިސްލާހެއް!

2 hours ago - 07:26

އަތޮޅު ކައުންސިލްތައް އުވާލުމަށް މިހާރު ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލު އުވާލައި، ކުރިން އޮތް ގޮތަށް އެ ކައުންސިލްތައް ދެމެހެއްޓުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.


މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މިއީ މިހާރު ހިނގަމުންދާ ކައުންސިލްތަކުގެ ދައުރު ހަމަވުމުން އަތޮޅު ކައުންސިލްތައް އުވޭގޮތަށް އޮތް މާއްދާ ބަދަލުކުރުމަށް ހުށަހެޅި އިސްލާހެކެވެ.


މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި މެންބަރު މުހައްމަދު އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، ލާމަރުކަޒީ ނިޒާމު ހަރުދަނާވަމުން އަންނަ ދަނޑިވަޅެއްގައި އަތޮޅު ކައުންސިލްތައް އުވާލުމަކީ ގާނޫނުއަސާސީން ތަސައްވުރުކުރާ ފުރިހަމަ ލާމަރުކަޒީ ނިޒާމަށް އަންނާނެ ބޮޑު އުނިކަމެކެވެ.


މެންބަރުގެ ސިޓީގައި އިތުރަށް ވިދާޅުވެފައިވަނީ، އަތޮޅު ކައުންސިލްތައް އުވާލަން ނިންމީ އެއްވެސް ދިރާސާއެއް ނުވަތަ މަޝްވަރާއެއް ކުރުމެއް ނެތި، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ވިސްނުންފުޅަކަށް ކަމަށެވެ. އަދި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ބައެއް ބަދަލުތަކަށް ރައްޔިތުންގެ ރުހުން ނެތްކަން، މިދިޔަ މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ނެގި ހިޔާލު ހޯދުމުގެ ވޯޓުން ސާފުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެ ވޯޓުގައި ބައިވެރިވި ރައްޔިތުންގެ %68.74 ވަނީ އެ ބަދަލާ ދެކޮޅަށް ވޯޓު ދީފައެވެ.


އަތޮޅު ކައުންސިލްތައް އުވާލުމުގެ އިސްލާހަކީ ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހަޅުއްވައި، މަޖިލީހުން ފާސްކުރުމާ ގުޅިގެން މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވާފައިވާ ބަދަލެކެވެ.


މި ބަދަލުތަކުގެ އިތުރުން، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު، އާބާދީ 2،000 އަށް ވުރެ މަދު ރަށްރަށުގެ ކައުންސިލް މެންބަރުންގެ އަދަދު ވަނީ ތިނަކަށް މަދުކޮށްފައެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދު 16 އަށް، އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރުންގެ އަދަދު 8 އަށް ވަނީ ދަށްކޮށްފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow