ސިޔާސީ މަގާމަކީ ހަދިޔާއެއް ނޫން، ނަތީޖާ ނުނެރެވޭނަމަ މަގާމުގައި ނުބަހައްޓާނެ: މުންދު
ސަރުކާރުގެ ސިޔާސީ މަގާމުތަކަކީ އެއްވެސް މީހަކަށް ލިބޭ ހަދިޔާއެއް ނޫން ކަމަށާއި، އެ މަގާމުތަކުގައި ތިއްބަވައިގެން އެކަށީގެންވާ ނަތީޖާ ނުނެރެވޭނަމަ މަގާމުގައި ނުބަހައްޓާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަސައްކަތުގެ ފެންވަރު (ޕާފޯމަންސް) ބެލުމަކީ ނިމިދިޔަ އަހަރުގެ އިތުރުން މިއަހަރުވެސް ކުރަމުންދާ މަސައްކަތެއް ކަމަށެވެ. މިގޮތުން ކޮންމެ ސިޔާސީ މުވައްޒަފަކީ ދައުލަތުން މުސާރަދޭ މީހަކަށް ވާއިރު، އެމީހަކާ މަތިކޮށްފައިވާ ޒިންމާތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަދާކުރޭތޯ ސަރުކާރުން ބަލަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުންދު ވިދާޅުވި ގޮތުގައި މުވައްޒަފުންގެ ފެންވަރު ވަޒަންކުރުމަށްފަހު ތިން ނަތީޖާއެއް ނުކުމެދާނެއެވެ. އެއީ މަގާމުގައި ބެހެއްޓުން، ނަތީޖާ ނުނެރެވޭނަމަ މަގާމުން ވަކިކުރުން، ނުވަތަ އެ މީހެއްގެ ތަޖުރިބާއަށް ބަލައި އެހެން ދާއިރާއަކަށް ބަދަލުކުރުމެވެ. "އޭނާގެ ޕާފޯމަންސްއަށް ބަލާފައި އެ ވުޒާރާއެއްގެ ނުވަތަ އިދާރާއެއްގެ މަސައްކަތަށް އިތުރު އާރޯކަމެއް ނާންނަނަމަަ ކީއްކުރަން ބަހައްޓާ މީހެއް؟ އެހެންވީމާ އޭނާ އިތުރަކަށް އެ މަގާމުގައި ނުބަހައްޓާނެ،" މުންދު ވިދާޅުވިއެވެ.
ސިޔާސީ ވަޒީފާތަކުގެ އަސާސީ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވާ ގޮތަކަށް، ސަރުކާރަށް ވަފާތެރިކަމާއެކު މަސައްކަތްކުރުންކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، މަގާމަށް އަންނަނީ ހުވައަކުން ނުވަތަ ޗިޓަކުން ކަމުގައި ވިޔަސް، މަސައްކަތުގެ އަހުލާގު ހިފެހެއްޓުމަކީ ލާޒިމު ކަމެއް ކަމަށެވެ. އަދި ޕާޓީއަށް ވަފާތެރިވީތީ ފަސް އަހަރު ދުވަހު ހިލޭ މުސާރަ ލިބޭ ގޮތަށް އޮންނަ "ހަދިޔާއެއް" ކަމަށް ސިޔާސީ މަގާމުތައް ދެކިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، މިހާރު ގެނެވެމުންދާ ބަދަލުތަކުގެ މައިގަނޑު މަގްސަދަކީ ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި ހަރުދަނާ ނަތީޖާތަކެއް ނެރުން ކަމަށެވެ. އެހެންކަމުން، މަގާމުގައި ދެމިތިބެވޭނީ ވަފާތެރިކަމާއި، ހީވާގިކަމާއެކު މަސައްކަތްކޮށް ނަތީޖާ ދައްކާ މުވައްޒަފުންނަށް އެކަނިކަން އޭނާ ސާފުކޮށްދެއްވިއެވެ.
ރިއެކްޝަންސް

