އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް: ފުރަތަމަ ދެ ގަޑިއިރު ތެރޭ 20 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލައިފި

އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ކުރިއަށް: ފުރަތަމަ ދެ ގަޑިއިރު ތެރޭ 20 އިންސައްތައަށްވުރެ ގިނަ މީހުން ވޯޓުލައިފި

16 hours ago - 14:47

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފެށިގެން ފުރަތަމަ ދެ ގަޑިއިރު ތެރޭގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 20.89 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.


އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 8:00 ގައި ފެށި މި އިންތިޚާބުގައި 10:00 އާ ހަމައަށް ޖުމްލަ 1,273 މީހުން ވަނީ ވޯޓުލާފައެވެ. މީގެ ތެރޭގައި ހިމެނެނީ 730 ފިރިހެނުންނާއި 543 އަންހެނުންނެވެ. ކޮމިޝަނުގެ ހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ވޯޓުލާން ބާކީ ތިބީ 4,820 މީހުންނެވެ.


މިއަދު އިންތިޚާބު ކުރިއަށްދަނީ ރާއްޖޭގެ ފަސް ދާއިރާއެއްގައި ފަސް މަގާމަކަށް މީހުން އިންތިޚާބު ކުރުމަށެވެ. އެއީ:

  • ފުވައްމުލަކު ސިޓީގެ ދަޑިމަގު ދާއިރާގެ ކައުންސިލް މެންބަރު.
  • ބ. ދޮންފަނު ކައުންސިލް މެންބަރު.
  • ހއ. ކެލާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ.
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ.
  • ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ.

މި ދާއިރާތަކުގެ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ، ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު އެއްވަރުވުމާ ގުޅިގެންނެވެ. މި އިންތިޚާބުގައި ޖުމްލަ 6,093 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު، އިލެކްޝަންސް ކޮމިޝަނުން ވަނީ 6,172 ވޯޓު ކަރުދާސް ޗާޕުކޮށްފައެވެ.


ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ޖުމްލަ 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެގޮތުން ކެލާ، މާވަށު އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި ދެ ފޮށި ބަހައްޓާފައިވާއިރު، ނޭކުރެންދޫ އަދި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި ވަނީ އެއް ފޮށި ބަހައްޓާފައެވެ.


މާލޭގައި ދިރިއުޅޭ މި ދާއިރާތަކުގެ ރައްޔިތުންނަށް ވޯޓުލުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މާލޭގައި ޖުމްލަ ހަ ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ކެލާ އަދި ދޮންފަނުގެ ފޮށިތައް ތާޖުއްދީން ސްކޫލުގައި ހުރިއިރު، ނޭކުރެންދޫ އަދި މާވަށު ފޮށިތައް ބަހައްޓާފައިވަނީ ހިރިޔާ ސްކޫލުގައެވެ. އަދި ފުވައްމުލަކު ދަޑިމަގު އަވަށުގެ ވޯޓު ފޮށި ބަހައްޓާފައިވަނީ ދަރުމަވަންތަ ސްކޫލުގައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow