ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާވުން މުހިއްމު: ރައީސް

ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތަކާއި ބައިބައިވުންތައް އެއްކިބާވުން މުހިއްމު: ރައީސް

2 hours ago - 01:22

ސިޔާސީ އަދި އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލުތަފާތުވުންތައް އެއްކިބާކޮށް، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުމަކީ ހިޖުރީ އައު އަހަރުން ހާސިލުކުރަންވީ އެންމެ މުހިންމު ފިލާވަޅު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ.


މި މުނާސަބަތުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ މައްކާއިން މަދީނާއަށް ކުރެއްވި މަތިވެރި ހިޖުރައިގެ ހާދިސާއިން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، ކެތްތެރިކަމާއެކު އިލާހީ މަގުގައި ސާބިތުވެ ތިބުމުން ފޮނި ނަތީޖާ ނުކުންނާނެކަން އެ ހާދިސާއިން ދަސްކޮށްދޭ ކަމަށެވެ.


ދިވެހި އުންމަތުގެ ކުރިއެރުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށްކަން ފާހަގަކުރައްވަމުން، މަދީނާގެ އަންޞާރީންނާއި މުހާޖިރުން ދެއްކެވި ފަދަ އޯގާތެރިކަމާއި އެހީތެރިވުމުގެ ރޫޙު ދިވެހި މުޖުތަމަޢުގައި ދިރުވަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނޭދެވޭ ކަންކަމުން ދުރުވެ، ހެޔޮކަމުގެ މަގަށް ހިތާއި ނަފްސުން ހިޖުރަކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.


ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަކީ އިސްލާމީ ޞައްޙަ ޢަޤީދާގެ މަތީގައި ދީނާއި ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުން ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމީ ވަހުދަތާއި މިނިވަންކަން ހިމާޔަތްކޮށް، ރައްޔިތުންނަށް ޢަދުލުވެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެމިތިބޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ފެށުނު އައު އަހަރަކީ އިޤްތިޞާދު އާރާސްތުކޮށް، އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ލިބޭ ފުރުސަތެއްކަން ފާހަގަކުރައްވައި، ރައީސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްޞަކޮށް ފަލަސްޠީނުގައި އަނިޔާ ލިބެމުންދާ މުސްލިމުންނަށް ހެޔޮ ދުޢާކުރުމުގައި ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ.


މީގެ އިތުރުން، އެކްސް މެދުވެރިކުރައްވައި ފޮނުއްވި މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މި އަހަރަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ އަހަރުކަން ފާހަގަކުރައްވާފައެވެ. މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވައި، ކުރިއަށް އޮތް އަހަރަކީ ބަރަކާތްތެރި އަހަރަކަށް ވުމަށް އެދި ދުޢާކުރައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow