އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފި

9 hours ago - 14:11
Advertisement
Advertisement

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.


ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅު ވަނީ އިއްވާފައެވެ. އެ ސިޓީފުޅުގައި އެ މަގާމަށް ކުރިމަތިލެއްވި އެހެން ބޭފުޅުންގެ ނަންތައް ހިމެނުނު ކަމުގައިވީ ނަމަވެސް، ރައީސް އިސްކަންދެއްވައި މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅުއްވާފައިވަނީ ހަމައެކަނި ޝަކީލްގެ ނަމެވެ.


މުހައްމަދު ޝަކީލަކީ މީގެ ކުރިން ރައީސް ޔާމީންގެ ސަރުކާރުގައި ވެސް އީސީގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ މިހާރު ވެރިކަން ކުރާ ޕީއެންސީގެ ސެނެޓް މެންބަރެއްގެ އިތުރުން އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީގެ އިސް މެންބަރެއް ވެސް މެއެވެ.


އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމު ހުސްވީ، އެ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޒާހިދު މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޒާހިދު ވަނީ ކޮމިޝަނުގެ ރައީސްކަމުގެ އިތުރުން މެންބަރުކަމުން ވެސް އިސްތިއުފާ ދެއްވާފައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސީދާ ސަބަބެއް ހާމަކުރައްވާފައެއް ނުވެއެވެ.
ޒާހިދަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އީސީއަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާގެ ރައީސްކަމުގެ ދަށުން ނިމިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ އިތުރުން ކައުންސިލް އިންތިޚާބުތައް އެކުގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.


އިލެކްޝަންސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ އިޖުރާއަތުގެ ދަށުން، ޝަކީލްގެ ނަން ދިރާސާކުރުމަށް މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވާފައެވެ. އާންމުކޮށް އިންތިޚާބުތަކަށް ފަހު އީސީއަށް ސިޔާސީ ނުފޫޒުގެ ތުހުމަތުތައް އަމާޒުވާކަން ފާހަގަކުރެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement