މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މެޓް އޮފީހުގެ ހިދުމަތްތައް ފަށައިފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މެޓް އޮފީހުގެ ހިދުމަތްތައް ފަށައިފި

9 hours ago - 14:08
Advertisement
Advertisement

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (އެމްއެމްއެސް) ނުވަތަ މެޓް އޮފީހުގެ ހިދުމަތްތައް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.


މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މާފަރު މީޓިއޮރޮލޮޖިކަލް އޮފީހުގައި އެވިއޭޝަން މީޓިއޮރޮލޮޖިކަލް ހިދުމަތްތައް ފެށުމަކީ ރާއްޖޭގެ އެވިއޭޝަން ސިނާއަތަށް ލިބިގެންދިޔަ މުހިންމު ކުރިއެރުމެކެވެ. މީގެ ކުރިން މާފަރު އެއާޕޯޓަށް ބޭނުންވާ މެނުއަލް މޫސުމީ މައުލޫމާތުތައް ހޯދަމުން އައީ އެ ސަރަހައްދާ އެންމެ ގާތުގައި އޮންނަ ހަނިމާދޫ އެއާޕޯޓުގެ މެނުއަލް ސްޓޭޝަނުންނެވެ.


ނަމަވެސް މާފަރުގައި އަލަށް ގާއިމުކުރި މި ސްޓޭޝަނާއެކު، އެ ސަރަހައްދުގެ މޫސުން މިހާރަށްވުރެ ބޮޑަށް ސައްހަކޮށް ބުނެދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. މި ސްޓޭޝަނުގެ ސަބަބުން އެވިއޭޝަން ސިނާއަތުގެ އިތުރުން މަސްވެރިންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށްވެސް އިތުބާރު ހުރި މައުލޫމާތު ފޯރުކޮށްދިނުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.


މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނާ ގުޅިގެން މާފަރުގައި އޮބްޒަވޭޓަރީ ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިމަހުގެ ކުރީކޮޅުގައެވެ. އެންވާރަމެންޓް މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، މި އޮބްޒަވޭޓަރީއާއެކު މާފަރު އެއާޕޯޓުގެ މޫސުމީ ނިޒާމް އދ. ގެ ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ) ގެ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން" މިންގަނޑުތަކަށް ފެތޭ ގޮތަށް ހިދުމަތް ދެވޭނެ މަގު ތަނަވަސްވާނެއެވެ.


ރާއްޖޭގައި މިހާތަނަށް މެނުއަލް ވެދާ ސްޓޭޝަންތައް ގާއިމުކޮށްފައިވަނީ ހަނިމާދޫ، ކައްދޫ، ކާޑެއްދޫ އަދި ހުޅުލޭގައެވެ. މާފަރުގައި ގާއިމުކުރި ސްޓޭޝަނާއެކު ރާއްޖޭގައި ހުރި މިފަދަ ސްޓޭޝަންތަކުގެ އަދަދު މިހާރު ވަނީ 5 އަކަށް އިތުރުވެފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement