ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ 70 އިންސައްތަ ހޯދައިފި
މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ އެކި މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލުނު ފައިސާގެ ބޮޑު ބައެއް ހޯދިފައިވާކަމަށް އެންޓި-ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންޓި-ސްކޭމް ސެންޓަރުން އާންމުކޮށްފައިވާ 2026 މާރިޗު 29 އިން އޭޕްރިލް 04 އާ ދެމެދުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 42 ސްކޭމްގެ މައްސަލައެއް އެ ސެންޓަރަށް ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލަތަކުގައި ޖުމްލަ 322,270.00 ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވެއެވެ. ނަމަވެސް، އެންޓި-ސްކޭމް ސެންޓަރާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން، ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 70 އިންސައްތަ ނުވަތަ 227,828.00 ރުފިޔާ ވަނީ އަނބުރާ ހޯދިފައެވެ.
މިއީ ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ ހޯދުމުގައި ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފުލުހުން ފާހަގަކުރެއެވެ. މި ނަތީޖާ ހާސިލުކުރެވުނީ މައްސަލަ ހުށަހެޅޭ ވަގުތުން ފެށިގެން ކަމާބެހޭ އިދާރާތަކާ ގުޅިގެން އެޅޭ ފިޔަވަޅުތައް ހަލުވިވެފައިވުމާއި، ތަހުގީގީ މަރުހަލާގައި ކުރެވޭ ހަރުދަނާ މަސައްކަތްތަކުގެ ސަބަބުންނެވެ.
ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އޮންލައިންކޮށް މުދާ ގަތުމާއި ވިއްކުމުގެ ތެރެއިން ހިންގާފައިވާ ސްކޭމްތަކެވެ. މިގޮތުން ޖުމްލަ 30 މައްސަލައެއް ހުށަހެޅިފައިވާއިރު، މީގެ ތެރޭގައި އޮޅުވާލައިގެން މުދާ ވިއްކާ ކަމަށް ދައްކައިގެންނާއި ސައްހަ ނޫން މައުލޫމާތު ހިއްސާކޮށްގެން ހިންގާފައިވާ މުއާމަލާތްތައް ހިމެނެއެވެ.
މީގެ އިތުރުން ހިނގާފައިވާ ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ:
- ބޭރު ފައިސާ މާރުކުރުމުގެ ތެރެއިން ހިންގި 4 މައްސަލަ.
- މީހުންގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ 4 މައްސަލަ.
- އަލަށް އުފެދެމުންދާ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ހިންގި އެހެނިހެން 4 މައްސަލަ.
ފާހަގަކޮށްލެވޭ ކަމަކީ، މި މުއްދަތުގެ ތެރޭގައި ފިޝިންގ، ވިޝިންގ ނުވަތަ ވަޒީފާގެ ފުރުސަތުތައް ދައްކައިގެން ހިންގާ ސްކޭމްގެ އެއްވެސް މައްސަލައެއް ރިޕޯޓްކޮށްފައި ނުވާކަމެވެ. މިއީ މިފަދަ ކަންކަމަށް އާންމުން ހޭލުންތެރިވެފައިވާ މިންވަރު ހާމަކޮށްދޭ ހެޔޮ ބަދަލެއް ކަމަށް ބެލެވެއެވެ.
އެންޓި-ސްކޭމް ސެންޓަރުގެ ހެޑް، އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަވީދު ވިދާޅުވީ، ސްކޭމްތަކުން ސަލާމަތްވުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ ހޭލުންތެރިވުން ކަމަށެވެ. "އެންމެ މުހިންމު އެއް ކަމަކީ، ސައްހަކަން ކަށަވަރުނުވާ އޮންލައިން މުއާމަލާތްތަކާ ދުރުހެލިވުން. އަދި ކުއްލި ގޮތަކަށް ފައިސާ ފޮނުވުމަށް އެދި ކުރާ މެސެޖުތަކާއި ކޯލްތަކަށް ސަމާލުވާންވާނެ،" ނަވީދު ވިދާޅުވިއެވެ.
އަދި ވަކިން ހާއްސަކޮށް، ވާހަކަދައްކާ މީހާ ނޫން އެހެން މީހެއްގެ އެކައުންޓަށް ފައިސާ ފޮނުވަން އެދޭނަމަ އެކަމަށް ސަމާލުވުމަށާއި، ނޭނގޭ ލިންކުތަކަށް ނުފިއްތުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
ފައިސާގެ މުއާމަލާތެއް ކުރުމުގައި ޝައްކުކުރެވޭ ކަމެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް އެންޓި-ސްކޭމް ސެންޓަރުގެ ނަންބަރު 125 (އެކްސްޓެންޝަން 2020) އަށް ނުވަތަ 911 އަށް ގުޅުއްވައި ރިޕޯޓްކުރުމަށް ފުލުހުން އެދެއެވެ. މިގޮތަށް އަވަހަށް ރިޕޯޓްކުރުމަކީ ގެއްލޭ ފައިސާ ހޯދުމުގެ ފުރުސަތު ބޮޑުވެ، އިތުރު ބަޔަކު ޝިކާރައަކަށްވުން ހުއްޓުވޭނެ ކަމެކެވެ.
ރިއެކްޝަންސް





