އެމްޑަބްލިއުއެސްސީގެ ޑީއެމްޑީގެ މަގާމުން ޝާހިދު ވަކިކޮށްފި
ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޝާހިދު ރޭގެ ވަގުތެއްގައި އެ މަގާމުން ވަކިކުރައްވައިފިއެވެ.
މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި އެމްޑަބްލިއުއެސްސީގެ ޑީއެމްޑީގެ މަގާމަށް އައްޔަނުކުރެއްވި ޝާހިދަކީ މީގެ ކުރިން ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.
ދައުލަތުގެ ކުންފުނިތަކުގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، ކުންފުނިތަކުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން އައްޔަނުކުރުމާއި ވަކިކުރުމުގެ ބާރު އޮންނަނީ އެ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށެވެ. އެމްޑަބްލިއުއެސްސީގެ ބޯޑު އެކުލެވިގެންވަނީ ޖުމްލަ ހަ ބޭފުޅުންގެ މައްޗަށެވެ.
ޝާހިދު މަގާމުން ވަކިކުރެއްވިއިރު، އެ ކުންފުނީގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމުގައި އޭނާއާ އެކު ޖުމްލަ 11 ބޭފުޅުން ތިއްބަވައެވެ. ޝާހިދުގެ އިތުރުން އެމްޑަބްލިއުއެސްސީގައި ދެން ޑީއެމްޑީގެ މަގާމު ފުރުއްވަނީ އަބްދުއްސަލާމް މުހައްމަދެވެ.
ޝާހިދު މަގާމުން ވަކިކުރި ސަބަބެއް ކުންފުނިން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް މިއީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޯޑުން ގެންނަ ބަދަލުތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





