ސައްހަ ވޯކްޕާމިޓް އޮތް ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ނަގާ ނިންމައިފި
ފޮޓޯ- ކޯޕަރޭޓް މޯލްޑިވްސް

ސައްހަ ވޯކްޕާމިޓް އޮތް ބިދޭސީންގެ 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ނަގާ ނިންމައިފި

52 minutes ago - 07:50
May 10, 2026 - 07:53
Advertisement
Advertisement

ރާއްޖޭގައި ސައްހަ ވޯކްޕާމިޓެއްގައި މަސައްކަތްކުރަމުންދާ ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކް މައުލޫމާތު ނަގާ ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާ މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި މިވަގުތު ތިބި އެކްޓިވް ވޯކްޕާމިޓް އޮތް ބިދޭސީންގެ ތެރެއިން ބަޔޯމެޓްރިކަލީ ކާކުކަން ދެނެގަނެވޭނެ ގޮތަށް 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ނަގާފައިވާ ކަމަށެވެ. މިއީ މި ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ހާއްސަ މަސައްކަތުގެ ދަށުން ހޯދިފައިވާ ވަރަށް ބޮޑު ކުރިއެރުމެކެވެ.


ރައީސް ފާހަގަކުރެއްވި ގޮތުގައި، ނޮވެމްބަރު 2023 އާ ހަމައަށް މި އަދަދު ހުރީ އެންމެ 13 އިންސައްތައިގައެވެ. ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މި މަސައްކަތް ހަލުވިކޮށް، ގިނަ ބައެއްގެ މައުލޫމާތު މިހާރު ވަނީ ނިޒާމުގެ ތެރެއަށް ވައްދާފައެވެ.


ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި ބާކީ ތިބި މީހުން ހޯދައި، އެމީހުން ރާއްޖެއިން ޑިޕޯޓުކުރުމުގެ ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.


މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވަނީ، މި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި، ގަވައިދާ ހިލާފަށް އުޅެމުންދާ މީހުން ހޯދައި، ހައްޔަރުކޮށް، ރާއްޖެއިން ޑީޕޯޓްކުރުމުގެ އޮޕަރޭޝަންތައް ބާރުމިނުގައި ކުރިއަށްދާނެ ކަމަށެވެ.


ބިދޭސީންގެ މައްސަލައަކީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިޖުތިމާއީ އަދި އިގްތިސާދީ ބޮޑު މައްސަލައަކަށް ވާއިރު، އަލަށް ގާއިމުކުރެވުނު މި ބަޔޯމެޓްރިކް ނިޒާމުގެ ސަބަބުން ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއަކީ ކާކުކަން ދެނެގަނެވި، އެމީހުން ގަވާއިދުގެ ތެރެއަށް ފެއްތުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement