ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑިޕޯޓްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް އޮތް 6 މަސް ތެރޭގައި ހިންގަނީ
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި، ބާކީ ތިބި މީހުން ހޯދައި ރާއްޖެއިން ޑިޕޯޓްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި ހިންގާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު މީސްމީޑިއާ މަންސަ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، ސައްހަ ވޯކްޕާމިޓެއްގައި މިވަގުތު ރާއްޖޭގައި ތިބި ބިދޭސީންގެ ތެރެއިން 98 އިންސައްތަ މީހުންގެ ބަޔޯމެޓްރިކަލް މައުލޫމާތު، ނުވަތަ 10 އިނގިލީގެ ނިޝާނާއި ސާފު ފޮޓޯ މިހާރު ވަނީ ނަގާ ނިމިފަ އެވެ. މިއީ މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަވާ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، 17 ނޮވެމްބަރު 2023 ގައި މި ސަރުކާރު ހަވާލުވިއިރު ބަޔޯމެޓްރިކްސް ނެގިފައިވަނީ އެންމެ 13 އިންސައްތަ ބިދޭސީންގެ ކަމަށެވެ. ނަމަވެސް، ކުރު މުއްދަތެއްގެ ތެރޭގައި މި އަދަދު 98 އިންސައްތައަށް އުފުލިފައިވުމަކީ މި ދާއިރާއިން ހޯދުނު ބޮޑު ކާމިޔާބީއެކެވެ.
މި މަސައްކަތުގެ ތެރެއިން، މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވަނީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. "އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ މި ހަރަކާތަކީ ބަޔޯމެޓްރިކްސް ނުދީ ފިލައިގެން އުޅޭ މީހުން ހޯދުމަށް ހިންގާ ޓާސްކް ފޯސް އޮޕަރޭޝަނެކެވެ. މިއަދު ހަވީރު 16:00 އިން 18:00 އަށް މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދިޔަ މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެފައިވެ އެވެ.
"އޮޕަރޭޝަން ކުރަނގި" ރަސްމީކޮށް ފަށާފައިވަނީ 2024 މެއި 2 ގައެވެ. މި އޮޕަރޭޝަންގެ މައިގަނޑު މަގުސަދަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގަރޕްރިންޓާއި ފޮޓޯ އަދި ފުރިހަމަ މައުލޫމާތު އެއްކޮށް، ގަވާއިދުގެ ތެރެއަށް ފައްތާ ނުވަތަ ފޮނުވާލުމެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ހަ މަސްދުވަހަކީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ހޯދައި ޑިޕޯޓްކުރުމުގެ ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ ދުވަސްތަކެއް ކަމަށެވެ. މިއީ ރާއްޖޭގެ އަމަނުއަމާންކަން ގާއިމުކުރުމަށާއި، ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ.
ރިއެކްޝަންސް





