ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު އިންޑިއާގެ ދެ އަންހެނުން އެއާޕޯޓުން ހައްޔަރުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ދެ އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޖެނިފަރ ޕައުލް އާއި 23 އަހަރުގެ އުލްފަތު ރަސޫލް އެވެ. މި ދެމީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހުއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން މި ދެމީހުން ހިފަހައްޓާފައިވަނީ އެމީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން ބަލައި ފާސްކުރިއިރު، އެމީހުންގެ އަތުން ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ. ކަސްޓަމްސްއިން ވަނީ މި ދެމީހުން ފުލުހުންގެ އިދާރާއާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ދެމީހުންވެސް 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށާއި، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންނާއި ކަމާ ގުޅުންހުރި ސަރުކާރުގެ އިދާރާތައް ގުޅިގެން ވަރުގަދަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ހާއްސަ އިސްކަމެއް ދެއްވައިގެން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ރިއެކްޝަންސް





