އުތީމަށް އާ ކައުންސިލް އިދާރާއަކާއި ޕޮލިސް ޕޯސްޓެއް
ހއ.އުތީމްގައި އާ ކައުންސިލް އިދާރާއެއް އަދި ޕޮލިސް ޕޯސްޓެއްގެ ބިންގާ އަޅައިފިއެވެ. ދެއިމާރާތުގެ ބިންގާވެސް އެޅީ ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އުތީމަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތުގައެވެ.
އުތީމް ކައުންސިލްގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ އިދާރާއެކެވެ. މިއިދާރާގެ މަސައްކަތް ކުރާނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ހެކްސްޓަރ ގްލޯބަލް" އިންނެވެ.
އުތީމް ޕޮލިސް ޕޯސްޓެގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ. އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އަދި އުތީމު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގަތެވެ.
ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި 23 ރަށެއްގައި ފުލުހުންގެ ޕޯސްޓްތައް ހުޅުވައި، ޚިދުމަތްތައް ދޭން ވަނީ ފަށާފައެވެ. ސަރުކާރުގެ އަމާޒަކީ 2026ވަނަ އަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފެށުމެވެ.
ރައީސުލްޖުމްހޫރިއްޔާ ހއ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ފިއްލަދޫ އައު ކައުންސިލްގެ އިދާރާގެ ބިންގާވެސް ވަނީ އަޅާފައެވެ.
ރިއެކްޝަންސް