މުދަލު ޒަކާތުގެ ނިޞާބު ދަށްކޮށްފި
ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބުގެ މިންވަރު ދަށްކޮށް، އެ އަދަދަކީ 19،266.10 ރުފިޔާ ކަމުގައި މޯލްޑިވްސް ޒަކާތު ހައުސް އިން ކަނޑައަޅައިފިއެވެ.
ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި އިއްޔެއިން ފެށިގެން ރާއްޖޭގައި މުދަލު ޒަކާތް ވާޖިބުވާ ނިޞާބުގެ ގޮތުގައި ބަލާނީ 19،266.10 ދިވެހި ރުފިޔާއެވެ. އެންމެ ފަހުން މުދަލު ޒަކާތުގެ ނިޞާބަށް ބަދަލު ގެނެސްފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. އޭރު ކަނޑައަޅާފައިވާ ނިޞާބުގެ މިންވަރަކީ 21,836.50 ރުފިޔާއެވެ. އެހެންކަމުން މިއީ ކުރީގެ އަދަދާ އަޅާބަލާއިރު ދަށްވުމެކެވެ.
ދިވެހިރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންނެވެ. ދުނިޔޭގެ ބާޒާރުގައްޔާއި ރާއްޖޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރަމުންދާއިރު، ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތް ވާޖިބުވާ ދިވެހި ފައިސާގެ ނިޞާބަށް ވެސް ބަދަލު އާދެއެވެ.
އިސްލާމްދީނުގެ މުހިންމު ރުކުނެއް ކަމުގައިވާ މުދަލު ޒަކާތަކީ، ތިމާގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ނުވަތަ މުދާ ހުރެ، އެ ތަކެއްޗަށް ހިޖުރީ ގޮތުން އެއް އަހަރު ފުރުމުން އޭގެ ސާޅީސްބައިކުޅަ އެއްބައި (2.5 އިންސައްތަ) ނެރުން ވާޖިބުވާ އަޅުކަމެކެވެ.
ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ޒަކާތަށް އަހުލުވެރިކުރުވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ވަނީ "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ޚާއްޞަ އިދާރާއެއް އުފައްދަވާފައެވެ. ސަރުކާރުން ފެށި މި ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ޒަކާތް ދައްކާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ.
ރިއެކްޝަންސް





