"މޯލްޑިވްސް 2.0" އަކީ ރާއްޖޭގެ ކުރިމަގު، ޕޭޕަލްއާއެކު ޒުވާނުންނަށް އާ ފުރުސަތުތަކެއް: ވަޒީރު ސައީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކުރެއްވި "މޯލްޑިވްސް 2.0" ތަސައްވުރަކީ ދިވެހި ގައުމުގެ ކުރިމަގު ކަމަށާއި، އަލަށް ތައާރަފުކުރެވުނު ޕޭޕަލްގެ ހިދުމަތާއެކު ރާއްޖޭގެ ޒުވާނުންނަށް ކުރިން ފަހިވެފައިނުވާ އެތައް ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސައީދު މިހެން ވިދާޅުވީ "ޓްރޭޑް ޑެސްކް ވިތު އަނާ" ޕޮޑްކާސްޓުގައި ބައިވެރިވެވަޑައިގެން، ރާއްޖެއަށް ޕޭޕަލް ހިދުމަތް ތައާރަފު ކުރުމާ ގުޅޭގޮތުންނާއި ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ރާއްޖެއަކީ ޒަމާނުއްސުރެ ވަކި ދާއިރާތަކަކަށް އިގްތިސާދު ބަރޯސާވެފައިވާ ގައުމަކަށްވާއިރު، ދުނިޔެއަށް ޓެކްނޮލޮޖީގެ ގޮތުން އަންނަ ކުރިއެރުންތަކާއެކު އެ ޒަމާންވީ ދާއިރާތަކަށް އެކަނި ބަރޯސާވެވެން ނެތްކަން ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅުކުރައްވާ ކަމަށެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމާއި މަސްވެރިކަމަށް ބަރޯސާވެގެން ރާއްޖެ ކަހަލަ ކުޑަ ގައުމެއްގެ އިގްތިސާދު ފުޅާނުކުރެވޭނެ ކަމަށާއި، ޕޭޕަލް ފަދަ ވަސީލަތްތައް ރާއްޖެއަށް އައުމަކީ ދިވެހި ފަންނުވެރިންނަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"މޯލްޑިވްސް 2.0" ތަސައްވުރާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މިއީ މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ޑިޖިޓަލް ދާއިރާއިން ރާއްޖެއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް އެކުލަވާލާފައިވާ އޮނިގަނޑެއް ކަމަށެވެ. "2.0 އަކީ ގައުމުގެ ކުރިމަގު، އޭގެ ކުރިމަގު ރައީސް މުއިއްޒު އެވަނީ އިފްތިތާހުކުރައްވާފައި. އޭއައި އަކީ މުސްތަގުބަލް، ޓެކްނޮލޮޖީން ލިބެންހުރި ހައްލުތައް ހޯދުމަކީ އަޅުގަނޑުމެންގެ ޒުވާނުންނަށް އޮތް ކުރިމަގަކީ،" ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ޑިޖިޓަލް އިކޮނޮމީގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވަނީ ގޫގުލް އިން އައްޑޫ ސިޓީގައި އިންވެސްޓުކުރުމަށް ތައްޔާރުވާ "ދިވަރު" މަޝްރޫއުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި މަޝްރޫއާއެކު އޭޝިއާ ބައްރުގައި ރާއްޖެ ވެގެންދާނީ ގޫގުލްގެ އެންމެ ވަރުގަދަ އެއް ހަބަށެވެ.
"މޯލްޑިވްސް 2.0" ގެ ސަބަބުން ސަރުކާރުގެ ހިންގުން މިހާރަށްވުރެ "ސްމާޓް" ވެ، ކޮރަޕްޝަން ނައްތާލައި، ދެފުށް ފެންނަ ގޮތަށް ޓެކްނޮލޮޖީގެ އެހީގައި ހިދުމަތްތައް ބަދަލުވެގެންދާނެއެވެ. މި އިސްލާހީ މަސައްކަތްތަކާއެކު، ފިޒިކަލް ކިއުތަކުގެ ބަދަލުގައި މަދު ކްލިކްތަކަކުން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހި، ރާއްޖޭގެ ހުރިހާ ރަށެއް ގުޅިފައިވާ ވިއުގައަކުން ހިދުމަތް ލިބޭ ގައުމަކަށް ބަދަލުވެގެންދާނެ ކަމަށް ވަޒީރު ސައީދު ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް





