ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 15,600 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި

ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 15,600 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖް ކަސްޓަމްސްއިން އަތުލައިގެންފި

2 hours ago - 21:09
Advertisement
Advertisement

ކަނޑުމަގުން ރާއްޖެ އެތެރެކުރި އާންމު މުދާ ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން ގެނައި 15,600 އަށް ވުރެ ގިނަ ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.


ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި، މި ތަކެތި އަތުލައިގަނެފައި ވަނީ ރާއްޖެ ގެނައި މުދާ ޝިޕްމަންޓެއްގައި ގާނޫނާއި ގަވާއިދާ ހިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން، މި މަހުގެ 18 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށްފައިވާ މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 15,601 ވޭޕް ކާޓްރިޖް ފެނިފައިވެއެވެ.


މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީހަށް ފަހު، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓް ކަމަށް ކަސްޓަމްސް އިން ބުނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ނޮވެންބަރު 15، 2024 އިން ފެށިގެން ވޭޕް އެތެރެކުރުން މަނާކޮށް، ޑިސެމްބަރު 15، 2024 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ގެންގުޅުން އަދި ވިޔަފާރިކުރުން މުޅިން މަނާކޮށްފައެވެ.


ކަސްޓަމްސްގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 5 ދުވަހުގެ ތެރޭގައި ހިންގުނު ތަފާތު 3 އޮޕަރޭޝަނެއްގައި ޖުމްލަ 22,309 ވޭޕް ކާޓްރިޖް ވަނީ އަތުލައިގަނެފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ޖޫން 18: 15,601 ކާޓްރިޖް (މާލޭ ކޮމާޝަލް ހާބަރުން)
  • ޖޫން 17: 5,600 ކާޓްރިޖް
  • ޖޫން 14-15: 1,108 ކާޓްރިޖާއި 27 ޑިވައިސް (ޗިޕްސް ދަޅުތަކުގައި ފޮރުވާފައި)

ސަރުކާރުން މިހާރު ކަނޑައަޅާފައިވާ ގަވާއިދުތަކުގެ ދަށުން، ވޭޕް ބޭނުންކުރާ ފަރާތްތައް 5,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ވޭޕް ވިއްކާ ފަރާތްތައް 20,000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން، ވިއްކަން ބެހެއްޓި ކޮންމެ އާލާތަކަށް 10,000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ. މީގެ އިތުރުން ކުޑަކުދިންނަށް ވޭޕް ވިއްކާ ފަރާތްތައް 50,000 ރުފިޔާއިން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ.


ކަސްޓަމްސްއިން ބުނީ ޖޫން 18 ވަނަ ދުވަހު އަތުލައިގަތް މި ގިނަ އަދަދުގެ ވޭޕް ކާޓްރިޖްތައް މިހާރު ހުރީ އެ މުއައްސަސާގެ ބެލުމުގެ ދަށުގައި ކަމަށާއި، މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement