ފަރުމަސް މުބާރާތުގެ އެއްވަނަ ބ. ތުޅާދޫ "ދޮން އިސްމާޢީލް" ޓީމުން ހޯދައިފި

ފަރުމަސް މުބާރާތުގެ އެއްވަނަ ބ. ތުޅާދޫ "ދޮން އިސްމާޢީލް" ޓީމުން ހޯދައިފި

2 hours ago - 10:07
Advertisement
Advertisement

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި މުޅި ރާއްޖެއަށް ހުޅުވާލި ފަރުމަސް މުބާރާތުގެ އެއްވަނަ ބ. ތުޅާދޫ، ދޮން އިސްމާޢީލް ޓީމުން ހޯދައިފިއެވެ.


އިއްޔެ ކުރިއަށްދިޔަ މި ފޯރިގަދަ މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 109 ޓީމަކުން ބައިވެރިވެފައިވެއެވެ. މީގެ ތެރޭގައި ގްރޭޓަރ މާލެ ސަރަހައްދުން ބައިވެރިވި 18 ޓީމެއްވެސް ހިމެނެއެވެ.


މުބާރާތުގެ ނަތީޖާ އިއުލާނުކޮށް، ވަނަވަނައަށް ދިޔަ ޓީމުތަކަށާއި އެންމެ ބަރު މަސް ބޭނި ފަރާތްތަކަށް ވަނީ ފައިސާގެ އިނާމު ހަވާލުކޮށްފައެވެ. އެގޮތުން މުޅި ރާއްޖެއިން ވަނަތައް ހޯދި ޓީމުތަކަކީ:

1 ވަނަ: ބ. ތުޅާދޫ، ދޮން އިސްމާޢީލް ޓީމު (30،000 ރުފިޔާ)
2 ވަނަ: ޏ. ފުވައްމުލައް، މެޖިކްލީން ޓީމު (25،000 ރުފިޔާ)
3 ވަނަ: ތ. ހިރިލަންދޫ، ކަޅަކައުންޑު ޓީމު (20،000 ރުފިޔާ)

މުޅި މުބާރާތުން "އެންމެ ބަރު މަސް" ބޭނި ފަރާތަކަށް ހޮވުނީ ބ. ތުޅާދޫ ދޮން އިސްމާޢީލް ޓީމުގެ މުހައްމަދު ހާބީބް ރިޔާޒްއެވެ. އޭނާ ބޭނި މަހުގެ ބަރުދަނުގައި 50.65 ކިލޯ ހުރިއިރު، މި ކާމިޔާބީއާއެކު އޭނާއަށް 5،000 ރުފިޔާގެ އިނާމެއް ވަނީ ދީފައެވެ.


މާލެ ސަރަހައްދުން ވާދަކުރި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމުތަކަށް އެޗްޑީސީގެ ފަރާތުން ވަނީ ފައިސާގެ އިނާމު ދީފައެވެ. އެ ސަރަހައްދުން އެއްވަނަ ހޯދީ "ޗިލް ބްރޯޒް" (15،000 ރުފިޔާ) އެވެ. ދެވަނަ "އެންޒީ މޯލްޑިވްސް" (10،000 ރުފިޔާ) ހޯދިއިރު، ތިންވަނަ ލިބުނީ "ސިލްވަރ ގްރަންޓަރ" (5،000 ރުފިޔާ) އަށެވެ. މާލެ ސަރަހައްދުން އެންމެ ބަރު މަސް ބޭނީ އޭވިއަން ޓީމުގެ ކިޔާން އަލްވީއެވެ.


މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، މި މުބާރާތަކީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށާއި، ހުރިހާ އަތޮޅަކުން މި މުބާރާތުގައި ބައިވެރިވެފައިވާތީ އެކަމަށްޓަކައި ކައުންސިލްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.


ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭގައި ސްޕޯޓްސް ފިޝިން ކޮމިއުނިޓީ ބޮޑުވަމުންދާާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކޮންމެ އަހަރަކުވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން މިފަދަ މަސްރޭހެއް ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.


ކަނޑުތަކުގެ ދުވަހާ ގުޅުވައިގެން މިފަދަ ހަރަކާތްތައް ހިންގުމުގެ މައިގަނޑު މަގްސަދަކީ ކަނޑުފަޅުތަކަށް އޮންނަ ލޯބި އިތުރުކޮށް، އެ ވަސީލަތްތައް ރައްކާތެރިކުރުމުގެ ރޫހު އާލާކުރުން ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement