ތޫނު ހަތިޔާރާއެކު ހުޅުމާލޭގެ ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

ތޫނު ހަތިޔާރާއެކު ހުޅުމާލޭގެ ފިހާރައަކަށް ވަދެ މާރާމާރީ ހިންގި މީހަކު ހައްޔަރުކޮށްފި

2 hours ago - 12:16
Advertisement
Advertisement

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފިހާރައަކަށް ތޫނު ހަތިޔާރާއެކު ވަދެ މާރާމާރީ ހިންގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.


ފުލުހުން މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތޫނު ހަތިޔާރާއެކު ފިހާރައަކަށް ވަދެ މާރާމާރީ ހިންގި ކަމަށް ބުނާ މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ހާދިސާއާ ގުޅިގެން ކަނޑައެޅިގެން ކުށްކުރި ކަމަށް ތުހުމަތު ކުރެވޭ ދިވެހި ފިރިހެނަކު މިހާރު ވަނީ ހައްޔަރުކުރެވިފައެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ، ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.


މި ހާދިސާ ހިނގި ވަގުތުގެ ވީޑިއޯއެއް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، ތޫނު ހަތިޔާރާއެކު ފިހާރައަށް ވަތް މީހާ އިތުރު މާރާމާރީއެއް ހިންގިޔަނުދީ އެ ތަނުގައި ތިބި އާންމުންގެ ހަތަރު ވަރަކަށް މީހުންވެގެން އޭނާ ހިފަހައްޓައިގެން އުޅެއެވެ.


މީގެ އިތުރުން، ރޭ ފަތިހުގެ ވަގުތެއްގައި ވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފިހާރައަކަށް ވަދެ، އެ ތަނުގެ މުވައްޒަފުންނަށް ބިރުދެއްކި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެ ހާދިސާގެ ވީޑިއޯއިން ފެންނަ ގޮތުގައި ކަޅު ކުލައިގެ ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު ފިހާރައިގެ މުވައްޒަފުންނަށް ބިރުދައްކައި، އެ ތަނުގައި ހުރި ބިދޭސީ މުވައްޒަފެއްގެ ގަޔަށް އަތްލާން މަސައްކަތް ކުރެއެވެ. އަދި ފިހާރައިން ނުކުންނަމުން ކައުންޓަރު މަތީގައި ހުރި މޮނިޓަރެއް ވައްޓާލައި ގެއްލުން ދިނުމަށްފަހު، އަލުން ފިހާރައަށް ވަދެ އެ މޮނިޓަރު ނަގާ މަންޒަރު ވެސް ފެނެއެވެ.


ރޭ ފަތިހު ހިނގި މި ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން އަދި ސާފުކޮށްދީފައެއް ނުވެއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުށްކުރުން އިތުރުވަމުންދާތީ، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement