
ދ. ބަނޑިދޫގައި 50 މެޓްރިކްޓަނުގެ އައިސް ރައްކާކުރެވޭނެ އައިސްޕްލާންޓެއްގެ ބިންގާއަޅައިފި
އައިސްޕްލާންޓުގެ މަސައްކަތް 240 ދުވަހުން ނިންމަންޖެހޭ
ދ. ބަނޑިދޫގައި ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ އައިސްޕްލާންޓުގެ ބިންގާ މިއަދު އަޅައިފިއެވެ.
ރައީސުލްޖުމުހޫރިއްޔާ މިހާރު ދ.އަތޮޅަށް ކުރައްވަމުންގެންދާ ދަތުރުފުޅުގެ ތެރެއިން މި އައިސްޕްލާންޓުގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމާއި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލިޔުބޮމިވްއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި މި އައިސްޕްލާންޓަކީ 30 މެޓްރިކްޓަނުގެ އައިސް ފްލޭކްސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ، 50 މެޓްރިކްޓަނުގެ އައިސް ރައްކާކުރެވޭނެ ޕްލާންޓެކެވެ. މި މަޝްރޫޢު 240 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ބަނޑިދޫއަކީ 21 މަސްދޯނި އޮންނަ މަސްވެރި ރަށެކެވެ. މިހާތަނަށް އެ ރަށުން އައިސް ނުލިބޭތީ، މަސްވެރިން ދިގު ދަތުރުތައް ކުރަންޖެހެއެވެ.
ރާއްޖޭގެ މަސްވެރިންނަށް ބޭނުންވާ އައިސް ނުލިބުމުގެ ޝަކުވާ ބޮޑުވުމާއި ގުޅިގެން މީގެ ކުރިން އައިސްޕްލާންޓުތައް އެޅުމަށް ހަވާލުކޮށްފައިވާ ފެނަކައިގެ އަތުން އެތަންތަން ނަގާ މިހާރު އެމަސައްކަތް ވަނީ މިފްކޯ އާއި ހަވާލުކޮށްފައެވެ. މިފްކޯއިން ބުނެފައި ވަނީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި، މަރާމާތުކުރަން ޖެހިފައިވާ އައިސްޕަލާންޓްތައް މަރާމާތުކޮށް އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.
ރިއެކްޝަންސް






