
ޝެއިޚް ހަަސީނާގެ ވެރިކަން ނިމުމަކަށްގެނައުމުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރުން ސިޔާސީ ޕާޓީއެއް އުފައްދަނީ
ޑާކާ, ބަންގްލަދޭޝް (ރޮއިޓާސް) – ފާއިތުވި އަހަރު ބަންގްލަދޭޝްގެ ދަރިވަރުން ފެށި މުޒާހަރާތައް ހޫނުވެ ވެރިކަމުގައި ހުންނެވި ޝެއިޙް ހަސީނާ އިސްތުފާ ދެއްވާ ފިއްލަވައިގެން ޤައުމުދޫކޮށްދިޔަ ހާދިސާއަށްފަހު މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރުން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.
ރަސްމީކޮށް ޕާޓީ އިފްތިތާހްކުރުން އޮންނާނީ އަންނަ ހަފްތާގައިކަމަށް އެފަރާތްތަކާ ގުޅުން އޮންނަ އިތުބާރުހުރި މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްގައި ރިޕޯޓްކޮށްފައި ވެއެވެ.
ދި ސްޓްޑެންޓްސް އަގެންސްޓް ޑިސްކްރިމިނޭޝަން (ސެޑް) އިން ހަސީނާގެ ވެރިކަމާ ދެކޮޅަށް މުޒާހަރާތައް ފެށީ ޕަބްލިކް ސެކްޓަރ ގެ ވަޒީފާތަކުގެ ކޯޓާ ސިސްޓަމްގައި ހުރި ތަފާތުކުރުންތަކާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންނެވެ. ނަމަވެސް މުޒާހަރާތައް މަޤްޞަދަށްވުރެ ފުޅާވެ ހަލުވި މިނެއްގައި އާންމުން މުޒާހަރާއާ ގުޅި, މުޅި ޤައުމުން ހަސީނާގެ ވެރިކަމުގައި ހުރި ހިތްހަމަނުޖެހުންތަކާ ދެކޮޅަށް ނިކުއިން ޤައުމީ އިޙްތިޖާޖަކަށް ބަދަލުވެގެން ދިޔައީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.
ފާއިތުވި އޯގަސްޓް މަހު ހަސީނާ ޤައުމު ދޫކޮށް އަވައްޓެރި އިންޑިއާ އަށް ފިއްލަވައިގެން ވަޑައިގެންނެވިއިރު މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ސަރުކާރުގެ ސިފައިން ބަޑިޖެހުމުގެ ސަބަބުން ހާހަކަށްވުރެ ގިން މީހުން މަރުވިއެވެ.
މުޒާހަރާތައް ލީޑްކުރި ދަރިވަރުން އުފައްދާ ސިޔާސީ ޕާޓީ އިފްތިތާހްކުރުން އޮންނާނީ އަންނަ ބުދަ ދުވަހު ކަމަށް މަސްދަރުތަކުން ބުނެފައި ވެއެވެ. ނަމަވެސް ޕާޓީއަށް ކިޔާ ނަމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމަތު އަދި ދެވެން ނެތްކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ބެލެވޭ ގޮތުގައި އަލަށް އުފައްދާ ޕާޓީގެ ލީޑަރަކަށްވާނީ ހަސީނާގެ ސަރުކާރު ވެއްޓުމަށްފަހު އުފެއްދި ވަގުތީ ސަރުކާރުގެ އެޑްވައިޒަރަކަށް ހުރި ދަރިވަރުންގެ ގުރޫޕްގެ ލީޑަރު ނާހިދް އިސްލާމްއެވެ.
ނޯބަލް ސުލްހައިގެ އިނާމް ހޯއްދަވާފައިވާ މުޙައްމަދު ޔޫނުސްގެ ދަށުން ހިންގަމުންދާ ވަގުތީ ސަރުކާރުގައިވެސް ދަރިވަރުންނާ ގުޅުންހުރި ކަންކަމުގައި އަޑުއުފުލާ, މުހިއްމު ދައުރެއް ނާހިދު ދަނީ އަދާކުރަމުންނެވެ.
ބަންގްލަދޭޝްގައި އާ އިންތިހާބެއް މިއަހަރު ފަހުކޮޅު ބާއްވާނެކަމަށް ޔޫނުސް ވަނީ ވިދާޅުވެފައެވެ. ޤައުމުގެ ސިޔާސީ މަޞްރަޙް ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ޒުވާނުން ގުޅިގެން އުފައްދާ އާ ސިޔާސީ ޕާޓީއަށް ޤައުމުގެ ކަންކަން އިސްލާޙްކޮށް ހަމަމަގަށް އެޅުވުމަށް ފުރުޞަތު ފަހިވެގެންދާނެއެވެ.
ރިއެކްޝަންސް






