
ހައިހޫނު ކަމުގައި ކާނާ ލިބިގަތުމަށް ކިއޫގައި ތިބި ޣައްޒާގެ ރައްޔިތުން ގަޔަށް ބަޑިޖެހުމަށް އަމުރުކޮށްފައިވޭ: ރިޕޯޓް
އިޒްރާއިލްގެ ނޫހަކުން ބުނި ގޮތުގައި ޔަހޫދީ ސިފައިންނަށް އާންމުން ގަޔަށް ބަޑަޖަހަން ވަނީ އަމުރުކޮށްފައި
ޣައްޒާގައި ހައިހޫނުކަމުގައި ކާތަކެތި ލިބިގަތުމަށް ކިއޫގައި ތިބޭ ރައްޔިތުންނަށް އަމާޒުކޮށް ބަޑިޖެހުމަށް ޔަހޫދީ ސިފައިންނަށް އަމުރުކޮށްފައިވާކަމަށް އިޒްރާއިލްގެ ނޫހެއްކަމަށްވާ ހާޓެޒް އިން ބުނެފިއެވެ.
އެނޫހުން ބުނި ގޮތުގައި މެރުމުގެ ގަސްތުގައި ހަތިޔާރުނެތް އާންމުންގެ ގަޔަށް ބަޑިޖެހުމަށް އަމުރުކޮށްފައިވަނީ ޔަހޫދީ ސިފައިންގެ ކޮމާންޑަރުންނެވެ. އެކަމާ ގުޅިގެން އަސްކަރިއްޔާގެ ބައެއް އޮފިސަރުންނަށް ތުހުމަތުކުރާ ހަނގުރާމާއިގެ ޖަރީމާ ހިންގުމުގެ މައްސަލަތަކެއް އިޒްރާއިލް އިން މިހާރު ބަލަމުން އަންނަކަމަށްވެސް މިއަދު އެނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.
އިޒްރާއިލް އާއި އެމެރިކާގެ ބެލުމުގެ ދަށުން އުފައްދާފައިވާ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) އިން އެހީ ބެހުމުގެނަމުގައި ޣައްޒާގައި ހިންގާ 'މަރުގެ ދަންތުރަ' ތަކުގައި ފާއިތުވި ހަތަރު ހަފްތާހެ ތެރޭގައި 549 މީހަކު ވަނީ ޤަތުކޮށްފައެވެ. އެ އެންމެންވެސް ޝަހީދުކޮށްލާފައިވަނީ ހައިހޫނުކަމުގެ އިންތިހާގައި ކާބޯތަކެތި ލިބިގަތުމަށް ކިއޫގައި ތިއްބާ އާންމުންނަށް އަމާޒުކޮށް ދިން ހަމަލާތަކުގައެވެ.
މީގެ އިތުރުން ކާބޯތަކެތި ބަހާ ސައިޓްތަކުގައި އާންމުންނަށް އަމާޒުކޮށްދިން ހަމަލާތަކުގައި 4000 ށްވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށް ޣައްޒާގެ ސަރުކާރު މީޑިއާއިން މައުލޫމާތު ދެއެވެ. ޖީއެޗްއެފްގެ އޮޕަރޭޝަންތައް ފެށުނީއްސުރެ އެޖަމާއަތަށް އަންނަނީ ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުންނެވެ.
"ޓޭންކުތަކުގައި ހުންނަ މެޝިންބަޑިތަކުން ހަމަލާދީ ގްރެނޭޑްޑްވެސް އުކިން. އަހަރެމެން މީހުންގަނޑުގެ ތެރެއަށް ވައިން އިރު އެތައްބަޔަކަށް އަނިޔާލިބުނު" ނުރައްކަލެއް ނެތް އާންމުނަށް އަމާޒުކޮށް މިނަށްވުރެ ބާރުގަދަ އަދި ނުރައްކާތެރި ހަތިޔާރު ޣައްޒާގެ އާންމުންނަށް އަމާޒުކޮށް ދިންކަމަށް ނަންހާމަކުރަން ބޭނުންނުވާ ޔަހޫދީ ސިފައިންގެ އޮފިސަރަކު މައުލޫމާތުދިންކަމަށް ހާޓެޒްގައި ބުނެފައި ވެއެވެ.
"އެއީ މަރުމުގެ މައިދާނެއް. އަހަރެމެން ސްޓޭޝަން ވެގެން ތިބި ސަރަހައްދުން ފެންނަ ކޮންމެ ފަސްމީހަކުން އެކަކު އަހަރެމެން ދިިޔައީ މަރަމުން. އެއީ އަމުރު އައިއްސަ އިން ގޮތް" އިޒްރާއިލްގެ އަސްކަރިއްޔާގެ އެހެން އޮފިސަރަކު ބުނެފައިވާކަމަށް އެނޫހުގައި ބުނެފައި ވެއެވެ.
އިޒްރާއިލްއިން ކުރިއަށްގެންދާ ޣައްޒާގެ ނަޞްލު ނައްތާލުމުގެ ހަނގުރާމާއިގައި މިހާތަނަށް 56,000 މީހުން ޝަހީދުކޮށްލާފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް ބައެއް އެހެން މަސްދަރުތައް ބުނާގޮތުން އެ އަދަދު މިހާރުވަނީ ލައްކައެއް ފަހަނައަޅާ ގޮސްފައެވެެ.
ރިއެކްޝަންސް






