
ޣައްޒާ ބްލޮކޭޑް ފުނޑާލުމަށް ދަތުރުކުރާ 'މެޑްލީން' ހުއްޓުވަން އިޒްރާއިލްގެ އަސްކަރިއްޔާއިން ތައްޔާރުވަނީ
ފްރީޑަމް ފޮލޮޓީލާ ކޯލިޝަންޮގެ ޔޮޓް 'މެޑްލީން ' ޣައްޒާއަށް ފޯރާނީ މިމަހު 7 ވަނަ ދުވަހު
އިންސާނީ އެހީއަށް ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޣައްޒާއަށް ދަތުރުކުރަމުންދާ ފްރީޑަމް ފްލޮޓީލާ ކޯލިޝަންގެ (އެފްއެފްސީ) ޔޮޓު 'މެޑްލީން' ހުއްޓުވުމަށް އިޒްރާއިލްއިން ތައްޔާރުވަމުންދާކަމަށް އެގައުމުގެ ސިފައިންގެ ރޭޑިއޯއިން ބުނެފިއެވެ.
ޖޫން 1 ގައި ސިސިލީގެ ކެޓާނިއާގެ ބަނދަރުން ފުރި މެޑްލީން މިހާރު އޮތީ ބައިނަލް އަޤުވާމީ ކަނޑުގެ ސަރަހައްދުގައެވެ.
އިޒްރާއިލްގެ ސިފައިންގެ ރޭޑިއޯއިން ބުނީ މެޑްލީން އަށް އެމީހުން އިންތިޒާރުކުރާ ކަމަށާއި "އަސްކަރިއްޔާގެ ކަނޑުގެބްލޮކޭޑް" ފުނޑާލުމަށް މެޑްލީން ހިންގާ ކޮންމެ އަމަލަކަށް އެމީހުން ތައްޔާރަށް ތިބިކަމަށެވެ.
"މި ބޯޓް މިދަނީ އިންސާނީ އެހީ ހިފައިގެން. ބޯޓުގައި ދަތުރުކުރާނީ ބައިނަލްއަޤުވާމީ ގޮތުން އިންސާނީ ހައްގުތައް ދިފާއުކުރާ ފަރާތްތައް. އެމީހުން އެދަނީ އިޒްރާއިލްއިން އިންސާނީ ހައްޤުތަކާބެހޭ ޤާނޫނުުތަކާ ހިލާފަށް ޣައްޒާ އިންސާނީ އެހީއަށް ބަންދުކޮށްފައި އޮތް އޮތުމަށް ގޮންޖެހުމަށް" އެފްއެފްސީގެ މި މިޝަންއާ ބެހޭގޮތުން އެ ޖަމާއަތުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ބޯޓުގައި 12 ކްރޫން ދަތުރު ކުރާއިރު އޭގެތެރޭގައި ސްވިޑެންގެ މަޝްހޫރު ތިމާވެށި އެކްޓިވިސް ގްރޭޓާ ތަމްބާގް އާއި ފަލަޞްޠީނު ދަރިކޮޅުގެ ފްރާންސްގެ ޤާނުނޫ ހަދާ މަޖިލީހުގެ މެމްބަރު ރިމާ ހަސަން އަދި ގޭމްސް އޮތް ތްރޯންސްގެ ތަރި ލިއަމް ކަނިންގްހަމްވެސް ހިމެނެއެވެ.
މި އުޅަނދުގައި ޣައްޒާއަށް ގެންދާނީ މިވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ބޭބީ ފޮމިއުލާ, ނެޕީ, އަންހެނުންގެ ސްނިޓަރީ ޕްރޮޑަކްޓްސް, ފުށް, ހަނޑޫ, ވޯޓަރ ޑީސަލިނޭޝަން ކިޓްސް, އަދި މެޑިކަލް ސާމާނާއި ކްރަޗަސް އަދި ކުޑަކުދިންގެ ޕްރޮސްތެޓިކްސް އެވެ.
"މިއީ މަދަނީ ބަސްނޭހުމުގެ ސޕުލްހަވެރި ހަރަކާތެއް. މެޑްލީންގައި ދަތުރުކުރާ ހުރިހާ ބައިވެރިންވެސް ތިބޭނީ އަނިޔާވެރި ނުވުމަށް ތަމްރީން ކުރެވިފައި" އެފްއެފްސީން ބުނެފައި ވެއެވެ.
ބޯޓަށް އިތުރު ކަމެއް ދިމާނުވެ ކުރިއަށްދާނަމަ ހަފުތާއެއްގެ ތެރޭގައި ޣައްޒާ އާ ހަމައަށް ފޯރާނެކަމަށް އަންދާޒާކުރެވެއެވެ. ނަމަވެސް މީގެ މަހެއްކުރިން އެފްއެފްސީން ޣައްޒާއަށް އިންސާނީ އެހީ ހިފައިގެން ދަތުރުކުރި ބޯޓަށް އިޒްރާއިލްގެ ދެ ޑްރޯން ހަމަލާ އަމާޒުވެ ދަތުރު ހުއްޓުމަކަށް އައިސްފައިވުމާއެކު މިފަހަރުވެސް އިޒްރާއިލްގެ ހަމަލާއެއް މެޑްލީންއަށް އެރުމަކީ ވުން ގާތްކަމެކެވެ.
ރިއެކްޝަންސް






