
ސޮން ޓޮޓްނަމް ދޫކޮށްލަން މަޖުބޫރު ކުރުވީ ޣައްޒާގެ ކުޑަކުދިންނަށް އެހީވުމަށް ގޮވާލާ ވީޑިއޯ ތަ!
ސޮން ގެ އެއްބަސްވުން ހަމަވާނީ 2026 އަށް. ވީޑިއޯ އާންމުކުރީ މީގެ ހަފުތާއެއް ކުރިން
ބަޔާން ލެވަކޫސަން އިން މީގެ 10 އަހަރުކުރިން ޓޮޓްނަމް ހޮޓްސްޕަރ އަށް ބަދަލުވި ދެކުނު ކޮރެއާގެ ސޮން ހިއުންގ-މިން ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަހަރެއް ބާކީ އޮއްވައި ކްލަބް ދޫކޮށްލަން ނިންމާފައިވާކަށް އޭނާ ވަނީ އިއުލާން ކޮށްފައެވެ.
ޓޮޓްނަމް އިން 17 އަހަރުގެ ތެރޭގައި ހޯދި ފުރަތަމަ ތަށި ސޮން ގެ ކެޕްޓަން ކަމުގެ ދަށުން މިދިޔަ ސީޒަނުގައި އުފުލާލުމަށްފަހު ކުއްލިގޮތަކަށް ކްލަބް ދޫކޮށްލަށް ނިންމި ނިންމުމުގެ ފަހަތުގައި ކްލަބް ދޫކޮށްލަށް މަޖުބޫރު ވީ ކަމަށް ވާހަކަތައް ވަނީ ދެކެވެން ފަށާފައެވެ.
މީގެ އަހަރެއްހާ ދުވަސްކުރިން ސްޕަރސްގެ ކެޕްޓަން ބޭންޑު އެޅި ސޮން ކްލަބުގައި ބެހެއްޓުމަށް ކްލަބުން އެއްވެސް މަސައްކަތެއް ނުކޮށް އަތް އުރާލައިގެން ތިބުމަކީ މި ވާހަކަތަކަށް ބާރުލިބޭ ކަމެކެވެ.
ސަންގެ މަޖުބޫރީ ގުޅިފައިވަނީ ބަނޑަށް މަރުވަމުންދާ ފަލަޞްޠީނުގެ ކުޑަކުދިންގެ ހައްޤުގައި އދ ގެ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން މިގެ ހަފުތާއެއްކުރިން އާންމުކުރި ވީޑިއޯއާ ކަމުގައި ބައެއް ފަރާތްތަކުން ދެކެއެވެ. ސޮން އަކީ ޑަބްލިއިއެފްޕީގެ ގުޑްވިލް އެމްބަސެޑަރެކެވެ.
"މިވަގުތު ފަލަޞްޠީނުގައި ގިނަ އާއިލާތަކެއް އަދި އެތައް ކުޑަކުދިންނެއް ދަނީ ބަނޑުހައިހޫނުކަމުގެ އިންތިހާ ތަހައްމަލް ކުރަމުން" ފަަލަޞްޠީނުގެ ރައްޔިތުން ތަހައްމަލް ކުރަމުންދާ ހައިހޫނުކަމުގެ އިމްތިހާނު އެމީހުންގެ ދުުލުން ކިޔާދޭ 1 މިނިޓްގެ ވީޑިއޯ ފެށޭއިރު ކޮރެއާ ބަހުން ސޮންގެ ނެރޭޝަން ގައި ބުނެއެވެ.
ވީޑިއޯގައި ސޮން އިތުރަށް ބުނީ ގުޑްވިލް އެމްބަސެޑަރެއްގެ ގޮތުގައި އޭނާ ޑަބްލިއުއެފްޕީއާއެކު މަސައްކަތްކުރާ ކަމަށާއި, އެގޮތުން ދުނިޔޭގެ ކަންކޮޅުތަކުން ހައިހޫނުކަމާ ދެކޮޅަށް އެޖަމާއަތުން ކުރާ މަސައްކަތުގައި އޭނާ އަކީ އެމީހުންގެ ބައިވެރިއެއް ކަމަށެވެ.
"އެތައް އާއިލާއަކަށް ޑަބްލިއުއެފްޕީއަކީ އެމީހުންގެ ދިރުހުރުމުގެ ނާރު. އަހަރެމެންނަށް އެކުދިންނަށް މިވަގުތު ދެވޭނެ އެންމޮ ބޮޑު ހަދިޔާއަކީ ކާބޯ ތަކެތި. އެކުދިންނަށްޓަކައި ތިބާގެ މުދަލުން ހޭދަކޮށްދީ" ފަލަޞްޠީން އިމަޖެންސީ ރިލީފް ވީޑީއޯގައި ސަން ބުނެފައި ވެއެވެ.
އެހެންކަމުން ސޮން ޓޮޓްނަމް ދޫކޮށްދާން މި ނިންމި ވަގުތާއި މި ވީޑިއޯ އާންމުވުން މިއީ އިއްތިފާޤެއްނޫން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މީގެ ކުރިން ޖަރުމަނުގެ ޤައުމީޓީމަށް ކުޅުނު ތުރުކީ ދަރިކޮޅުުގެ ކުޅުންތެރިޔާ މެސުޓް އޮޒިލް އާސެނަލް ދޫކޮށް އަދި ޔޫރަޕް ދުކޮށް ދާންޖެހުނު މައިގަނޑު ސަބަބަކީ ވެސް އޮޒިލް ފަލަޞްޠީނަށް ތާއިދުކޮށް ދެއްކި ވާހަކަތަކާއި ޗައިނާގެ މުސްލިމުންގެ ހައްޤުގައި ދެއްކި ވާހަކަތައް ކަމަށް އޭރުގެ ރިޕޯޓްތައް ބުނެއެވެ.
2014 ގައ ޖަަރުމަނާއެކު ވޯލްޑްކަޕްވެސް ހާސިލްކުރި އޮޒިލް 2018 ގައި ވަނީ ޤަައުމީ ޓީމަށް ކުޅުން ހުއްޓާލާ ތުރުކީއަށް ބަދަލުވެފައެވެ.
ޓޮޓްނަމް ދޫކޮށް ސަން މޭޖަރ ސޮކަރ ލީގު (އެމްއެސްއެލް) އާ ގުޅެން އުޅޭކަމުގެ އަޑުތައް މިހާރުވަނީ ފެތުރެއް ފަށާފައެވެ. ޓޮޓްނަމް ދޫކޮށްލަން ނިންމި ނިންމުމަކީ އޭނާގެ ހަޔާތުގައި ވެސް ނިންމި އެންމެ އުނދަގޫ އެއް ނިންމުން ކަމަށް އިއްްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި އޭނާ ބުނެފައި ވެއެވެ.
ބެލެވޭގޮތުން ޓޮޓްނަމްގެ ކެޕްޓަންގެ ގޮތުގައި ސޮން އޭނާގެ އެންމެ ފަހު މެޗު މިއަދު ކުޅޭނެއެވެ.
ރިއެކްޝަންސް






