ބްލެކްމެއިލްކޮށްގެން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި
ބްލެކްމެއިލް ކުރުމާއި މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކުރި ދެމީހުން

ބްލެކްމެއިލްކޮށްގެން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި

3 hours ago - 13:12
Aug 3, 2025 - 13:13
Advertisement
Advertisement

ބްލެކްމެއިލްކޮށްގެން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދި މައްސަލައަކާއި މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ފޭދޫ / ލިލީގަސްދޮށުގެ، މުޙައްމަދު ފަވާޒު ލުޠުފީ (32އ) އާއި، މާލެ / މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) އެވެ. މި ދެ މީހުން ވެސް ހައްޔަރުކުރީ ހޮނިހިރު ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެ މީހުންގެ ތެރެއިން، މުޙައްމަދު ފަވާޒު ލުޠުފީ ހައްޔަރުކޮށްފައިވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. އަދި އާމިނަތު ފައިނާޒް ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި ބްލެކްމެއިލްކޮށް އެ މީހާގެ އަތުން އެކި ދުވަސްމަތިން ތިންލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ މައްސަލަ މިދިޔަ އަހަރުގެ ޑިސެމްބަރު 19 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ބްލެކްމެއިލް ކުރި މައްސަލާގައި އިއްޔެ ހައްޔަރުކުރި ފަވާޒް އަކީ މިމައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތެވެ.

Advertisement
Advertisement

 މި މައްސަލައާ ގުޅިގެން ފުލުހުންގެ ތަހުގީގުގެ ތެރެއިން ގިނަ މައުލޫމާތުތަކެއް އެއްކޮށް ގިނަ ކަންކަން ބަލާފައިވާކަން ފާހަގަކޮށް ފުލުހުން ވިދާޅުވީ މައްސަލާގައި ތުހުމަތުކުރެވޭ މުޙައްމަދު ފަވާޒް ލުޠުފީ ހުޅުމާލޭގައި ދިރިއުޅޭ ކަމަށް ބެލެވޭ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު ސިމްކާޑުތަކަކާއި މޯބައިލް ފޯނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުޕެކެޓަކާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނުނު ކަމަށެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް، އާމިނަތު ފައިނާޒް ލައިގެންހުރި އަންނައުނު ތެރެއިން ފެނުނު ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ބްލެކްމެއިލްކޮށްގެން ފައިސާ ހޯދާފައިވާ މައްސަލައާއި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރަނީ ވަކި ދެމައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement