ޕެރޯލް ބާތިލްކޮށް މަސްތުވާތަކެތީގެ ނެޓްވޯކް ލީޑަރު އަބުޗާ އަނބުރާ ޖަލަށް ގެންގޮސް، ޕެރޯލް ބޯޑުގެ 6 މެންބަރަކު ވަކިކޮށްފި
އައްޑޫ ސިޓީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ އިސް ލީޑަރު ކަމަށް ތުހުމަތުކުރެވޭ، ސ. ހިތަދޫ، އަބްދުﷲ އިބްރާހީމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލުމަށް ނިންމި ނިންމުން ބާތިލްކޮށް، އޭނާ އަނބުރާ ޖަލަށް ގެންގޮސްފިއެވެ. އަދި އޭނާ ދޫކޮށްލަން ނިންމީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށްވާތީ، އެ ނިންމުން ނިންމި ޕެރޯލް ބޯޑުގެ ހަ މެންބަރަކު ވަނީ މަގާމުން ވަކިކޮށްފައެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން މީގެ ކުރިން ހާމަކޮށްފައިވާ ގޮތުގައި، 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ އަބުޗާ ޕެރޯލްގެ ދަށުން ދޫކޮށްލާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށް ބުނި ނަމަވެސް، އެ ޝަރުތުތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާ ދޫކޮށްލުމާ ގުޅިގެން އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދި، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ސަރުކާރަށާއި ކަމާބެހޭ މުއައްސަސާތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އަބުޗާއަށް ޕެރޯލްގެ ފުރުސަތު ދިނުމަށް ޕެރޯލް ބޯޑުން ނިންމާފައިވަނީ ގާނޫނުތަކާއި ގަވާއިދުތަކާ ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ނިންމުން ބާތިލްކޮށް އޭނާ މިއަދު އަނބުރާ ޖަލަށް ގެންގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެކި މުއައްސަސާތައް ތަމްސީލުކުރާ ނުވަ މެންބަރުން ތިއްބަވާ ޕެރޯލް ބޯޑުން، މި ނިންމުން ނިންމުމުގައި ބައިވެރިވި ހަ މެންބަރަކު ވަކިކުރުމަށް ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.
އަބުޗާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު 2020 ގައި ފުލުހުން އައްޑޫ ކަނޑުމަތީގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި 61 ކިލޯގެ ޑައިމޯފިން އަދި ގާތްގަނޑަކަށް 18 ކިލޯގެ މެޓަމްފެޓަމިން އަތުލައިގެންފައިވެއެވެ. ފުލުހުން ފެނުމުން ޑިންގީގައި ހުރި މަސްތުވާތަކެތީގެ ގޯނިތައް ކަނޑަށް އުކާލި ނަމަވެސް، ފުލުހުން ކަނޑަށް ފުންމާލައިގެން އެ ތަކެތި ހޯދައި، އަބުޗާއާއެކު އިތުރު 17 މީހަކު ހައްޔަރުކުރިއެވެ.
މި މައްސަލައިގައި އަބުޗާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް ސާބިތުވެ، 50 އަހަރުގެ ޖަލު ހުކުމެއް އަންނަން އޮތް ނަމަވެސް، އޭނާ ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމުން މިދިޔަ އަހަރުގެ މެއި މަހު ކޯޓުން ވަނީ އޭނާގެ ހުކުމް 25 އަހަރަށް ކުޑަކޮށްދީފައެވެ.
ފުލުހުން ތުހުމަތުކުރާ ގޮތުގައި އަބުޗާ އަކީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އެންމެ އިސް ލީޑަރެވެ. އަދި އޭނާއަކީ މީގެކުރިންވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި އަށް ފަހަރަށް ވުރެ ގިނައިން ހައްޔަރުކޮށްފައިވާ، އަދި ގޭންގް ރޭޕްގެ ތުހުމަތުތައްވެސް ކުރެވިފައިވާ ކުށުގެ ބޮޑު ރެކޯޑެއް އޮތް މީހެކެވެ. މީގެ އިތުރުން 2019 ވަނަ އަހަރު މަސްތުވާތަކެއްޗާއެކު އޭނާ ހައްޔަރުކުރުމުން، ނެޓްވޯކްގެ އެހެން މީހަކު ލައްވާ ކުށުގެ ޒިންމާ ނަންގުވައިގެން ކޯޓު މަރުހަލާއިން ވަނީ ސަލާމަތްވެފައެވެ.
ރިއެކްޝަންސް





