ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ކުރީގެ ޕީޖީ މުހުސިން
ރައީސުލްޖުމްހޫރިއްޔާގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އައްޔަންކޮށްފި
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މިއަދު އައްޔަންކޮށްފި އެވެ.
އެ މަގާމަށް އައްޔަން ކުރެއްވިކަން މުހުތާޒު ވަނީ ޔަގީން ކޮށްދެއްވާފައިއެވެ.
މުހުތާޒު ވިދާޅުވީ އެ މަގާމާ އެކު، ރައީސް އޮފީހުގައި މަސައްކަތް ކުރައްވާނީ ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ކަންކަމުގައި ރައީސް މުއިއްޒަށް ލަފާ އެރުވުމަށް ކަމަށެވެ.
މުހުތާޒު ކުރިންވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވާފައިއެވެ.
މުހުތާޒާ އެކު، ރައީސް އޮފީހުގައި މި ވަގުތު ހަތަރު އެޑްވައިޒަރުން އެބަތިއްބެވެ. އެއީ، ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ އާއި ޓްރޭޑް އެންޑް އިންވެސްޓްމަންޓުގެ ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓު މުހައްމަދު އަލީ ޖަނާހު އަދި ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލެވެ.
ޖަނާހު އާއި ހަލީލު އެ މަގާމަށް މުސާރައެއް ނުނެންގެވިޔަސް އަބްދުއްރަހީމް އައްޔަން ކުރައްވާފައި ވަނީ ސީނިއާ މިނިސްޓަރުގެ ރޭންކުގައި ކަމަށް ވާތީ މުސާރަ ނަންގަވަ އެވެ. އަދި އަބްދުއްރަހީމް ރައީސް އޮފީހަށް ބަރާބަރަށް ނުކުންނަވައިި އެ އޮފީހުގެ މަސްއޫލިއްޔަތުތައް އަދާކުރައްވަ އެވެ.
މުހުތާޒަށް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމު މި ދެއްވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ނުކުންނާނެ ކެންޑިޑޭޓް ކަނޑައަޅަން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީގެ ނާކާމިޔާބީ އަށް ފަހު އެވެ.
މުހުތާޒު ވާދަކުރެއްވީ އޭނާގެ އަނބިކަނބަލުން ނިސްބަތްވާ ދަނގެތި ދާއިރާގެ ޕްރައިމަރީގަ އެވެ.
ރިއެކްޝަންސް