ރައީސް އަޒުލުކުރުމާ ގުޅޭ މައްސަލަ ސުޕްރީމް ކޯޓަށް
ރައީސް އާއި އެމަނިކުފާނުގެ ނައިބު އަޒުލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު އަޒުލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހުގެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރަނީ، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒަލުކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތެރެއިން ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓުންކަމަށެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
މިދިޔަ އަހަރު ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ގެނައި އިޞްލާހުގައި ވަނީ މަޖިލީހުގެ އެއްވެސް ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެނަމަ އެ ދާއިރާއެއްގެ ގޮނޑި ދެން ނުގުނާނެކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް މި ގެނައި ބަދަލާއި ގުޅިގެން ބަންޑާރަ ނާއިބު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ޢަދަދު ކަނޑައެޅުމާ ގުޅޭގޮތުން ގެނައި އިޞްލާޙު ބާޠިލުކުރުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށައަޅާފައެވެ.
ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ، 18 ޑިސެންބަރުގައި މަޖިލީހުގެ ޤަވާއިދަށް ގެނައި އިސްލާހުގައި "މަޖިލީހުގެ ޖުމްލަ މެންބަރުން" މި ޢިބާރާތައް ދީފައިވާ މާނަކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފު މާނަކުރުމެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ، އެއްވެސް ސަބަބަކާ ގުޅިގެން މަޖިލީހުން ހުސްވެފައިވާ ގޮނޑިތައް ނުހިމެނޭ ގޮތަށް ކަނޑައަޅާފައިވާ އަދަދެއް ކަމަށާއި، މިއީ ޤާނޫނު އަސާސީގައި ބުނާ އެ މަޖިލީހުގެ ޖުމްލަ އަދަދާ ޚިލާފު މާނަ ކުރުމެއްކަމަށް ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލާގައިވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބަލައިގަތުމާ މެދު އެކޯޓުން އަދި ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.
ރިއެކްޝަންސް