އަދީބު ހިމެނޭހެން ހަތަރު މީހަކާއެކު ހަދާފައި އޮތް އިމިއުނިޓީ އެއްބަސްވުން އުވާލައިފި
އަދީބު ހިމެނޭހެން ހަތަރު މީހަކާއެކު ހަދާފައި އޮތް އިމިއުނިޓީ އެއްބަސްވުން އުވާލައިފިއެވެ. ހަތަރު މީހަކާއެކު ދައުލަތުން އިމިއުނިޓީ އެއްބަސްވުމެއް ހަދާފައިވަނީ މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެންނެވެ.
އިމިއުނިޓީ އެއްބަސްވުން ހަދާފައިވަނީ ކުރީގެ ނައިބުރައީސް އަހުމަދު އަދީބު އާއި މ. ލޭންޑް އޮފް ގާރޑެން، އަޙްމަދު އިޝްފާޙް ޢަލީ އާއި މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފް އާއި ގ. އޮއިވާލި، މުޙައްމަދު ޙުސައިން އާއެކުއެވެ. އެމީހުންނާއެކު ހަދާފައިވާ އިމިއުނިޓީ އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް އުވާލަން ޕްރޮސެކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ނިންމެވީ މިއަދުއެވެ.
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހ. އާހަމަ، ޢަބްދުالله ޒިޔާތުއާއެކު ވެފައިވާ އެއްބަސްވުން 2022 އޮގަސްޓު މަހުގެ ތެރޭގައި ޕީޖީ އޮފީހުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
މި އެއްބަސްވުންތައް ނިމުމަކަށް ގެނައުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމަވާފައިވަނީ މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ އެމް.އެމް.ޕީ.އާރ.ސީގެ ޚިޔާނާތުގެ މައްސަލައިގެ ތަޙުޤީޤު ކުރިއަށްގެންދިއުމަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތަށް އެއްބާރުލުން ހޯދުމުގެ ބޭނުމުގައިކަމަށްވީނަމަވެސް، އެ މީހުންގެ ފަރާތުން މައްސަލައިގެ ތަޙުޤީޤަށާއި، ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެކަށީގެންވާ އެއްބާރުލުން ލިބެމުން ނުދާކަމަށް ތަޙުޤީޤީ އިދާރާތުން މަޢުލޫމާތުދީފައިވާތީ ކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ.
އެއްބަސްވުންތައް ނިމުމަކަށް ގެނައުމާއެކު، އެ އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތަޙުޤީޤު ކުރިއަށްގެންދަވައި، ވީ އެންމެ އަވަހަކަށް ޕީޖީ އޮފީހަށް ހުށަހެޅުމަށް، ދިވެހި ފުލުހުންގެ ޚިދުމަތަށާއި، އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ޕީޖީން ވަނީ އަންގާފައެވެ.
އެމްޑީޕީ ސަރުކާރުގެ އެންމެ ފަހު ދެތިން ދުވަހުގެ ތެރޭގައި އަދީބުގެ ހުކުމަށް ލުއިދީ ވަނީ މިނިވަންކޮށްފައެވެ.
ރިއެކްޝަންސް