ފޮރެސްޓަށް ހަނި މޮޅެއް, ޔުނައިޓަޑް އާއި ޓޮޓްނަމް ބަލި
ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހު ނޮޓިންގްހަމް ފޮރެސްޓް ތާވަލުގެ ފުލުގައި އޮތް ސައުތަޕްޓަން އަތުން ހަނި ގޮތަކަށް ވަނީ މޮޅުވެފައެވެ. މެންޗެސްޓަރ ޔުނައިޓަޑް 3-1 ން ބްރައިޓަންގެ އަތްދަށުވި އިރު ޓޮޓްނަމް ހޮޓްސްޕަރ ވެސް ވަނީ އެވަޓަން އަތުން 3-2 ން ބަލިވެފައެވެ.
ލީގުގައި ރަނގަޅު ކުޅުމެއް ދައްކާ ތާވަލްގެ ގަދަ ތިނަކުން ޖާގަ ހޯދާފައިވާ ފޮރެސްޓް ފުރަތަމަ ހާފު ނިމުނު އިރުވެސް އޮތީ 3-0 ގެ ލީޑެއްގައެވެ. 10ވަނަ މިނިޓްގައި މޯގަން ގިބްސް ވައިޓްތަނަވަސްކޮށްދިން ފުރުޞަތުގައި ފޮރެސްޓަށް ލީޑު ނަގައިދިނީ އެލިއޮޓް އެންޑަރސަންއެވެ.
28 ވަނަ މިނިޓްގައި ފޮރެސްޓަށް ލީޑު ފުޅާކޮށްދިނީ ކަލުމް ހަޑްސަން-އޮޑޯއީ އެވެ. ފަހު ގޯލް ކާމިޔާބުކޮށްދިން ކްރިސް ވުޑްސް ވަނީ ދެވަނަ ގޯލް ޖެހުމުގައި ވެސް އެހީތެރިވެފައެވެ.
އިތުބާރާއެކު ދެވަނަ ހާފަށް ނިކުއިން ފްރެސްޓްގެ ގޯލް މެޗުގެ 60 ވަނަ މިނިޓްގައި ފޫއަޅުވާލީ ސައުތަމްޕްޓަންގެ ޑިފެންޑަރު ޖެން ބެޑްނާރެކް އެވެ. މެޗުގެ އިތުރު ވަގުތުގައި ސައުތަމްޕްޓަށް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ޕޯލް އޮނައުޗޫ އެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު އަށް މެޗުންވެސް ބަލިނުވެ އޮތް ފޮރެސްޓް މިވަގުތު އޮތީ 44 ޕޮއިންޓާއެކު ތާވަލްގެ 3 ވަނައިގައެވެ. ދެވަނައިގައި އޮތް އާސެނަލްއާ ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައިވާއިރު ފޮރެސްޓަށްވެސް ތާވަލްގެ އެއްވަނައިގައި އޮތް ލިވަޕޫލް އާ އަރާ ހަމަކުރަން މިހާރު ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓަޑް ބްރައިޓަންގެ އަތްދަށުވި އިރު ޔުނައިޓަޑްގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްފައި ވަނީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގައި ބްރައިޓަން އިން ލީޑު ނެގީ އެންމެ ފަސް ވަނަ މިނިޓްގައި ޔަކުންބާ މިންތެން އެވެ. 23 ވަނަ މިނިޓްގައި ޔުނައިޓަޑްގެ ޕެނަލްޓީ ކާމިޔާބުކުރީ ބުރޫނޯ ފެނާންޑޭޒްއެވެ.
މެޗުގައި ބްރައިޓަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނުއިރު އެޓީމަށް ލީޑު ފުޅާކޮށްދިނީ ކައޯރޫ މިޓޯމާއެވެ. 60 ވަނަ މިނިޓްގައި ލީޑު ފުޅާކޮށްދިނުމަށް އެހީތެރިވީ ލީޑު ނަގައިދިން މިންތެން އެވެ.
ބްރައިޓަންގެ ތިންވަނަ ގޯލް 76 ވަނަ މިނިޓްގައި ޖިއޮޖީނިއޯ ރަޓާ ކަމިޔާބުކޮށްދިއިންއިރު އެޓީމުން 60 ވަނަ މިނިޓްގައި ޖެހި އިތުރު ގޯލެއް ވީއޭއާރުން ވަނީ ރޫލް އައުޓްކޮށްފައެވެ.
މި ނަތީޖާއާއެކު ބްރައިޓަން ވަނީ 34 ޕޮއިންޓާއެކު ތާވަލްގެ ނުވަ ވަނައަށް ޖެހިލާފައެވެ. މެންޗެސްޓަރ ޔުނައިޓްޑް 13 ވަނައިގައި އޮތީ 22 މެޗުން 26 ޕޮއިންޓް ހޯދައިގެންނެވެ.
އެވަޓަން އާއި ޓޮޓްނަމް ބައްދަލުކުރި މެޗު ނިމުނީ ފުރަތަމަ ހާފު ނިމުންއިރުވެސް އެވަޓަން ހޯދާފައި އޮތް ނަތީޖާގައެވެ. އެވަޓަން ގެ އާކޯޗު ޑޭވިޑް މޮއެސްގެ އިރުޝާދުގެ ދަށުން އެޓީމުގެ ފުރަތަމަ މޮޅު ހޯދާފައިވާއިރު އެވަޓަން އަށް 13 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ޑޮމިނިކް ކަލްވަރޓް-ލެވިން އެވެ.
މެޗުގައި އެވަޓަންގެ ފުރަތަމަ ދެ ގޯލް ކާމިޔާބުކުރުމުގައި ވެސް އެހީތެރިވީ އިދްރިއްސާ ގަނާ ގުއޭޔޭ އެވެ. 30 ވަނަ މިނިޓްގައި ލީޑު ފުޅާކޮށްދިނީ އިލިމަން އެންޑިއާއޭ އެވެ. ތިންވަނަ ގޯލަކީ ސްޕާސްގެ ޒުވާން ކުޅުންތެރިޔާ އާޗީ ގްރޭ އަތުން ބައިކޮޅަށް ވައިން ގޯލެކެވެ.
މެޗުގައި ސްޕަރސް ގެ ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ މެޗުގެ ވަރަށް ފަހުކޮޅުއެވެ. 77 ވަނަ މިނިޓްގައި ޑެހަން ކުލުސްވެސްކީ ސްޕަރސްއަށް ފުތަރަމަ ގޯލް ކާމިޔާބުކޮށްދިން އިރު އިތުރުވަގުތުގައި ދެވަނަ ގޯލް ކާމިޔާބުކުރީ ރިޗާލިސަން އެވެ.
ސްޕަރސް ތާވަލްގެ 15 ވަނައިގައި އޮތީ 24 ޕޮއިންޓާއެކުއެވެ. 20 ޕޮއިންޓާއެކު އެވަޓަން އޮތީ ސްޕާސްގެ ފަހަތުން 16 ވަނައިގައެވެ.
ރިއެކްޝަންސް