ކޮވަސިޗް ގެ ދެ ގޯލާއެކު ސިޓީއަށް މޮޅެއް, ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލް އަދިވެސް އެއްވަނައިގައި
އިނގިރޭސި ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށްބަލާއިރު މެންޗެސްޓަރ ސިޓީއާއި ފުލަމް ބައްދަލު ކުރި މެޗުން ސިޓީ މޮޅުވެއްޖެއެވެ. 2-3 ން ސިޓީން ފުލަމްގެ މައްޗަށް ކުރިހޯދި މެޗުގައި ސިޓީގެ ފުރަތަމަ ދެގޯލްވެސް ކާމިޔާބުކޮށްދިނީ މަޓޭއޯ ކޮވަސިޗް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 32 ވަނަ މިނިޓާއި 47 ވަނަ މިނިޓްގައެވެ. ދެވަނަ ގޯލް ޖެހުމުގައި އެހީތެރިވީ ބެނާޑޯ ސިލްވާ އެވެ.
މެޗު ކުރީކޮޅު ޑޮމިނޭޓްކޮށްގެން ކުޅުނީ ސިޓީންނެވެ. ނަމަވެސް މަޑުމަޑުން ގޭމުގެ ތެރެއަށްވަދެ 26 ވަނަ މިނިޓްގައި ފުލަމްގެ އަންދްރެސް ޕެރިއޭރާ ކާމިޔާބުކޮށްދިން ގޯލާއެކު ލީޑުނެގީ ފުލަމްއިންނެވެ. މެޗުން ސިޓީ މޮޅުވީ ފަހަތުންއަރައެވެ. 82 ވަނަ މިނިޓްގައި ގޯލުގެ މަތީކަނަށް ފޮނުވާލި ބޯޅަ އާއެކު ސިޓީ މޮޅުކޮށްދިން ގޯލް ޖަހައިދިނީ ޖެރެމީ ޑޮކޫ އެވެ. މިއީ އޭނާ މިސީޒަނުގައި ޖެހި ފުރަތަމަ ގޯލެވެ.
މެޗު ނިމެން އެންމެ ދެ މިނިޓަށްވެފައި ވަނިކޮށް ފުލަމްގެ ރޮޑްރީގޯ މުނިޒް ގޯލެއްޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްދިނެވެ. މި ނަތީޖާއާއެކު ސިޓީ 17 ޕޮއިންޓާއެކު އޮތީ ލިވަޕޫލްގެ ފަހަތުން ތާވަލްގެ ދެވަނައިގައެވެ.
1-0 ން ކްރިސްޓަލް ޕެލަސް ބަލިކޮށް ލިވަޕޫލް އޮތީ އެއް ވަނައިގައެވެ. 9 ވަނަ މިނިޓްގައި ލިވަޕޫލްގެ ލަނޑު ޖަހައިދިނީ ޑިއޯގޯ ޖޯޓާ އެވެ. ތާވަލްގެ އެއްވަނަ މަޤާމް ދެމެހެއްޓުމާއެކު ބައިނަލް އަޤުވާމީ ބްރޭކަށް ދާއިރު ލިވަޕޫލަށް މިއީ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ.
ބަލިވިޔަސް މެޗުގައި ކްރިސްޓަލް ޕެލަސްއިން މޮޅު ކުޅުމެއް ދެއްކިއެވެ. ލިވަޕޫލުން ގޯލް ޖެހިތާ 30 ސިކުންތުގެ ތެރޭގައި ލިވަޕޫލްގެ ގޯލް ފޫއަޅުވާލިއެވެ. ނަމަވެސް ރެފްރީ ދެއްކީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.
މެޗުގެ 34 ވަނަ މިނިޓްގައި ޖޯޓާއަށް އިތުރު ގޯލެއްޖަހާ ލީޑްފުޅާކުރާނެ ފުރުސަތު ލިބުންނަމަވެސް އެ ފުރުޞަތުވަނީ ބޭކާރުވެފައެވެ. މެޗުގައި ލިވަޕޫލްގެ ކީޕަރު އެލިސަން އަށް އަނިޔާވެގެން މެޗު ނިމެން ކައިރިވެފައި ވަނިކޮށް ވަނީ ބަދަލުކޮށްފައެވެ.
އުނދަގުލުން ހޯދުނު ތިން ޕޮއިންޓާއެކު ހަތް މެޗުން 18 ޕޮއިންޓް ހޯދައިގެން ތާވަލްގެ އެއްވަނައިގައި އޮތީ ލިވަޕޫލްއެވެ. ސިޓީން 17 ޕޮއިންޓާއެކު ދެވަނައިގައި އޮތް އިރު، ސައުތަމްޕްޓަން އަތުން 1-3 ން މޮޅުވެ 17 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލްގެ ތިންވަނައިގައެވެ.
އާސެނަލްއިން ވެސް ސައުތަމްޕްޓަންގެ މައްޗަށް ކުރި ހޯދީ މެޗުގެ 55 ވަނަ މިނިޓްގައި ސައުތަމްޕްޓަންއިން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައެވެ. ސައުތަމްޕްޓަން ގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ކެމަރޮން އާޗާއެވެ.
އާސެނަލް މެޗު ކާމިޔާބުކުރީ ފަހު ހާފުގައި ކާމިޔާބުކުރި ތިން ގޯލުންނެވެ. އާސެނަލްގެ ފުރަތަމަ ގޯލް 58 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް އެވެ. ބުކާޔޯ ސާކާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އޭނާވަނި ފުރަތަމަ ދެގޯލް ޖަހަން އެހީތެރިވެދީ 88 ވަނަ މިނިޓްގައި އާސެނަލްގެ ތިންވަނަ ގޯލް ކާމިޔާބުކޮށްދީފައެވެ. އާސެނަލްގެ ދެވަނަ ގޯލް 68 ވަނަ މިނިޓަގައި ކާޏިޔާބުކޮށްދިނީ ގެބްރިއެލް މާޓިނެއްލީއެވެ.
3-1 ން ބަލިވި ނަމަވެސް ސައުތަމްޕްޓަންގެ ކޯޗު ރަސެލް މާޓިން ވަނީ އޭނާގެ ޓީމުގެ ކުޅުމާމެދު ހިތްހަމަޖެހޭކަމަށް ބުނެފައެވެ.
ޕްރިމިއަރ ލީގުގައި ހޮނިހިރު ދުވަހު ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ވްލްވްސް އަތުން 3-5 ން ބްރެންޓްފޯޑް ވަނީ މޮޅުވެފައެވެ. 4-1 ން ވެސްޓްހޭމް އިން އިޕްސްވިޗް ބަލިކުރިއިރު, ލެސްޓާސިޓީއިން ބާންމައުތް ގެ މައްޗަށް ކުރި ހޯދީ 1-0 ންނެވެ.
ރިއެކްޝަންސް