މެދުއިރުމަތީގައި ސަރަޙައްދީ ހަނގުރާމަ ފެށިއްޖެނަމަ ދައްކަންޖެހިދާނެ އަގަކީ ކޮބާ!
އިޒްރާއީލުން ރައްދު ހަމަލާ ދީފިނަމަ މަސްރަހު ގޯސްވާނެ

މެދުއިރުމަތީގައި ސަރަޙައްދީ ހަނގުރާމަ ފެށިއްޖެނަމަ ދައްކަންޖެހިދާނެ އަގަކީ ކޮބާ!

2 months ago - 13:29
Oct 5, 2024 - 13:30

ފާއިތުވި ހަފުތާގައި އީރާނުން އިޒްރާއިލްއަށް ދިން މިސައިލް ހަމަލާތަކާއެކު މެދުއިރުމަތީގެ މަޞްރަޙް ވަނީ ނާޒު ފައްތަރެއްގައެވެ. މަޞްރަޙްގެ ނުތަނަވަސްކަން އިތުވެރުފައިވާ މި ދަނޑިވަޅުގައި ސަރަޙައްދީ ހަނގުރާއެއް ފެށިދާނެ ކަމުގެ ބިރު މިވަނީ އިހުނަށްވުރެ ބޮޑުވެފައެވެ. މަޞްރަހު ހޫނު ވެފައިވާއިރު އިޒްރާއިލްއިން ޣައްޒާގައި ފަށާފައިވާ ހަނގުރާމައަށް މިވަނީ ގާތްގަނޑަކަށް އަހަރެއް ވެފައެވެ. 

ހަނގުރާމަ ފުޅާވެ, ސަރަހައްދީ ހަނގުރާމައަކަށް ބަދަލުވެދާ ހާލަތުގައި ހަނގުރާމައި ހިމެނޭ ހުރިހާ ފަރާތްތަކަށްވެސް އިޤްތިޞާދީ އަދި މާއްދީ ގޮތުން ބޮޑެތި ގެއްލުންތަކެއްވާނެއެވެ. އަދި ހަނގުރާމައިގެ ސަބަބުން ދިގުމުއްދަތަކަށް ކުރާ އަސަރާއެކު ދުނިޔޭގެ އިޤްތިޞާދަށްވެސް ބޮޑެތި ރާޅުތަކެއް އަންނާނެކަމަށް އިޤްތިޞާދީ ޙާލަތު ދިރާސާ ކުރައްވާ ފަރާތްތަކުން ލަފާކުރެއެވެ. 

ދޭދޭ ގައުމުތަކުގެ ސިޔާސީ ނުތަނަވަސްކަމުގައި އެންމެ ބޮޑަށް އަދި އެންމެ އަވަހަށް އަސަރުކުރަނީ ތެލުގެ އަގަށެވެ. އީރާނުން އިޒްރާއިލްއަށް ހަމަލާ ދިނުމާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ %5 ށް މަތިވެ, ފީފާއެއްގެ އަގު 75 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. އީރާނަކީ އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމެވެ. ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ އިގްތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު ތަކާއެކުވެސް ދުނިޔޭގެ ތެލުގެ ސަޕްލައިގެ ތިން އިންސައްތަ ހިއްސާކުރަނީ އީރާނުންނެވެ. އޭގެ ތެރޭގައި ޕާޝަން ގަލްފްގެ ކަނޑުއޮޅި, ސްޓްރެއިޓް އޮފް ހޮމޫޒް ހިމެނޭއިރު އެއީ ދުނިޔޭގެ ތެލުގެ 30 އިންސައްތަ ސަޕްލައި ބޭނުންކުރާ ސަރަޙައްދެވެ. މެދުއިރުމަތީގައި ހަނގުރާމަ ފެށިއްޖެ ނަމަ އީރާނުގެ ސަޕްލައި އަށް ގޮންޖެހުންތައް ދިމާވެ, އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.

ޔަމަނުގެ ހޫތީންގެ ހަމަލާތަކާއެކު ރަތްކަނޑުގައި ދަތުރުކުރާ އުޅަނދު ފަހަރަށް ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާއިރު, ދުނިޔޭގެ ވިޔަފާރީގެ 12 އިންސައްތަ ޙިއްސާކުރާ މަގުގެ ގޮތުގައި އޮތް މިޞްރުގެ ސުއޭޒް ކެނަލް އަށްވެސް ހަނގުރާމައެއް ފެށިއްޖެނަމަ އޭގެ އަސަރު ވަރަށް ބޮޑަށް ފޯރާނެއެވެ.  

Advertisement
Advertisement

އިޤްތިޞާދީ ގޮތުން މެދުއިރުމަތީގައި އޮތް އެންމެ ނާޒުކު ދެ ގައުމު ކަމަށްވާ ސީރިއާ އަދި ލުބުނާނަށް މިހާރުވެސް ވަނީ އިންސާނީ އެހީ އިންތިހާއަށް ބޭނުންވެފައެވެ. ލުބުނާނުން އެތައްބަޔަކު ދަނީ ސީރިއާއަށް އެތެރެވަމުންނެވެ. އޭގެ ތެރޭގައި މީގެ ކުރިން ސީރިއާއިން ލުބުނާނަށް ހިޖުރަކުރި އެތައްބަޔަކުވެސް ހިމެނެއެވެ. އިޒްރާއިލްއިން ވައިގެ މަގުން ލުބުނާނަށް ހަމަލާދޭން ފަށާފައިވާއިރު, ދެކުނު ލުބުނާނުގެ 1.2 މިލިއަން މީހުން ވަނީ ގެދޮރާއި ދިރުއުޅުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލާ ވިއްސިވިހާވެފައެވެ.

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައާއެކު ޣައްޒާއަށް ވަނީ އިންސާނީ ކާރިސާއެއް ކުރިމަތިވެފައެވެ. ޣައްޒާ އަދި ހުޅަނގު އައްސޭރީގެ އިޤްތިޞާދު އިނދަޖެހި ހައިހޫނުކަމުގައި ޣާއްޒާއިން އެތައްބަޔަކު މަރުވަމުންދާއިރު މުޅި ޣައްޒާ ވަނީ ސުންނާފަތިވެ ބިމާ ހަމަވެފައެވެ. 

ހަނގުރާމައި އަސަރު އިޒްރާއިލްގެ އިގްތިޞާދަށްވެސް ވަނީ ވަރަށް ބޮޑަށް ފޯރާފައެވެ. ބޮޑެތި އިގްޞާދީ ސިނާއަތްތައް ހިނގަމުންދިޔަ ނަމަވެސް ވިޔަފާރީގެ ނަފާވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ކްރެޑިޓް ރޭޓިން އެޖެންސީ, މޫޑީސްއިން ދެވަނަ ފަހަރަށް އިޒްރާއިލްގެ އިގްތިޞާދުގެ ރޭޓިން ދަށްކޮށްފައިވާއިރު އިޒްރާއިލްގައި އިންވެސްޓްކުރަން އެކަށީގެން ނުވާކަމަށް ގާތްގަނޑަކަށް ވަނީ ކަނޑައަޅާފައެވެ. 

އަވައްޓެރި އެހެން ގައުމުތަކަށް ބަލާއިރު އުރުދުން އަދި މިޞްރަކީ ވިޔަފާރި އަދި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ދެ ގައުމެވެ. އެ ދެ ގައުމުގެ އިގްތިޞާދުވެސް ވަނީ ސަޕްލައި ޗެއިންއަށް ދިމާވެފައިވާ ދަތިތަކާއެކު އަޑިއަޅާލާފައެވެ. މިޞްރުގެ ސްވޭޒް ކެނަލްގެ ރެވެނިއު މިހާރުވެސް ވަނީ 20 އިންސައްތަ ދަށަށް ޖެހިލާފައެވެ.

މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށިއްޖެނަމަ އިޤްތިޞާދީ ގޮތުން ކުރާނެ އަސަރުތަކާމެދު ވާހަކަ ދައްކަވަމުން މެދު އިރުމަތީގެ ސިޔާސީ އަދި އިގްތިޞާދީ ރިސްކް އެނަލިސްޓް, އަދި ގްލޯބަލް ކައުންސެލް އެންޑް ޑިރެކްޓަރ ފޮރ މިޑްލް އީސްޓް އެން ނޯތް އެފްރިކާ, އަޙްމަދު އަހްލާއު ވިދާޅުވީ އިޒްރާއިލްއިން އީރާނަށް ހަމަލާ ދީފިނަމަ މަޞްރަޙް އިތުރަށް ގޯސްވެ އީރާނުގެ ތެލުގެ ސަޕްލައިއަށް އޭގެ އަސަރުކޮށް, ދުނިޔޭގެ މާކެޓުން 2 މިލިއަން ފީފާގެ އީރާނުގެ ތެޔޮ ހުއްޓި ތެލުގެ އަގު އިންތިހާއަށް ބޮޑުވާނެއެވެ. އެހެންވެއްޖެ ނަމަ ފީފާއެއްގެ އަގު 80 ޑޮލަރުން 100 ޑޮލަރަށް އެރުން ގާތްކަމަށް އަހްލާއު ވިދާޅުވިއެވެ. މިއާއެކު ތަކެއްޗާއި ޚިދުމަތުގެ އަގު ބޮޑުވެ, އިންފްލޭޝަން ވެސް އިންތިހާއަށް މައްޗަށް ޖެހިލާނެކަމަށް އޭނާ ވިދާޅުވިއެވެ.

މެދުއިރުމަތި ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި އޮންނަތާ އަހަރެއް ވެފައިވާއިރު ހާލަތު އިތުރަށް ނާޒުކުވެ, އިޒްރާއިލްއިން އީރާނަށް ރައްދު ހަމަލާ ދީފިނަމަ އިޒްރާއިލް "ފުނޑުފުނޑު ކޮށްލާނެކަމަށް" އީރާނުން ވަނީ ބުނެފައެވެ. އަންގާރަ ދުވަހު އީރާނުން އިޒްރާއިލްގެ އަސްކަރީ އަދި ސަލާމަތީ ތަންތަނަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކަށް ފަހު އީރާނުގެ ރައީސް ވިދާޅުވެފައި ވަނީ ހަމަލާތަކަކީ އިޒްރާއިލްއާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުން ނޫންކަމަށާއި, ނަމަވެސް މެދުއިރުމަތީގައި އިޒްރާއިލް އިން ހިންގާ އަމަލުތަކުން ގައުމުތަކަށް ބިރު ބޮޑުވެފައިވާތީ އަޅަންޖެހުނު ފިޔަވަޅެއް ކަމަށެވެ.

ނަމަވެސް ހަމަލާތަކުގެ ކުޑަ އިރުކޮޅެއް ފަހުން އިޒްރާއިލްގެ ބޮޑުވަޒީރު, ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އީރާނުން އެކަމުގެ އަގު ދައްކަންޖެހޭނެ ކަމުގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow