ރަސްމާލެ މަޝްރޫއުގެ މާސްޓަ ޕްލޭން ތައްޔާރުކުރާނެ ފަރާތެއް ހޯދަނީ
މާލެ ސަރަޙައްދުގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ "ރަސްމާލެ" މަޝްރޫއުގެ މާސްޓަ ޕްލޭން ތައްޔާރުކުރުމަށް ކޮންސަލްޓެންސީ ފޯރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ފަށައިފިއެވެ.
އެ ވުޒާރާއިން ކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ މާސްޓަ ޕްލޭން ހެދުމަށް ޝައުގުވެރިވާ އަދި ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. މި ބީލަމާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ފުރުސަތު އޮންނާނެއެވެ. ނަމަވެސް ބީލަމުގެ ކުރިން ބާއްވާ މައުލޫމާތު ދިނުމުގެ ވަކި ސެޝަނެއް ނޯންނާނެ ކަމަށް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި މަސައްކަތަށް ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު 09:00 ގައި އެ ވުޒާރާގައެވެ.
ރަސްމާލެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިންގާ އެންމެ ބިޔަ މަޝްރޫއެވެ. ގާތްގަނޑަކަށް 1000 ހެކްޓަރުގެ ބިން ހިއްކައިގެން ރާއްޖޭގެ އެންމެ ބޮޑު ރަށުގެ ގޮތުގައި ތަރައްގީކުރާ މި ރަށުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތްތައް މިހާރުވެސް ދަނީ ބާރަށް ކުރިއަށެވެ.
ތިމާވެއްޓާ ރައްޓެހި "އީކޯ ސިޓީ" އެއްގެ ގޮތުގައި ފަރުމާކުރާ ރަސްމާލެ ވެގެންދާނީ، މޫސުމީ ބަދަލުތަކުގެ ހިރާސްތައް ކުޑަކުރެވިފައިވާ އަދި އިއާދަކުރަނިވި ހަކަތައިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭނެ ޒަމާނީ ސަހަރަކަށެވެ. މީގެއިތުރުން، އެ ރަށުން ހިއްކާ ބިމުގެ ތެރެއިން 500 ހެކްޓަރުގެ ސަރަޙައްދެއް އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައި ކުރިއަށް ގެންދިއުމަށްޓަކައި ޔޫއޭއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އީގަލް ހިލްސްއާއެކު ކޮމާޝަލް ޓާމް ޝީޓުގައި މިހާރު ސޮއިކުރެވި، އެއްބަސްވުމުގެ އިތުރު މަޝްވަރާތައް ދަނީ ބާރަށް ކުރިއަށެވެ. އަދި މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ ގޮތުން ރިއަލް އެސްޓޭޓް ވިޔަފާރިއާ ބެހޭ ހާއްސަ ބިލެއް ވެސް ސަރުކާރުގެ ފަރާތުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ.
ރިއެކްޝަންސް





