ފުވައްމުލަކުގައި 10 ފަންގިފިލާގެ އޮފީސް އިމާރާތެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ފުވައްމުލަކުގައި 10 ފަންގިފިލާގެ އޮފީސް އިމާރާތެއް އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

16 minutes ago - 09:49
Advertisement
Advertisement

ޏ. ފުވައްމުލަކު ސިޓީގައި 10 ފަންގިފިލާގެ އޮފީސް އިމާރާތެއް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.


ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއީލް ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.


ޖުމްލަ 162.89 މިލިއަން ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 900 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން ޑިޒައިން އަދި ސާވޭ ކުރުމުގެ މަސައްކަތުގެ އިތުރުން، 8,042 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި 10 ފަންގިފިލާގެ ޒަމާނީ އިމާރާތެއް ބިނާކުރާނެއެވެ. މީގެއިތުރުން ދެ މީޓަރު އުސްމިނުގެ ވަށާފާރެއް ރޭނުމާއި، އިމާރާތުގެ ވަށައިގެންވާ ސަރަހައްދު ލޭންޑްސްކޭޕް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.


އެމްޓީސީސީން ފާހަގަކުރި ގޮތުގައި ފުވައްމުލަކަކީ ގާތްގަނޑަކަށް 14,000 މީހުންގެ ބޮޑު އާބާދީއެއް އޮންނަ ސިޓީއަކަށް ވެފައި، އެ ސިޓީގައި ހިންގާ ސަރުކާރުގެ އެކި އޮފީސްތަކަށް މިހާރު ވަނީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. އެހެންކަމުން، މި އައު އިމާރާތް ނިމުމުން ސަރުކާރު މުވައްޒަފުން ތަހައްމަލު ކުރަމުންދާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި އެއް ފުރާޅެއްގެ ދަށުން ގިނަ އޮފީސްތަކެއްގެ ހިދުމަތްތައް އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގެންދާނެ މަގު ތަނަވަސްވެގެންދާނެއެވެ.


ވޭތުވެދިޔަ 45 އަހަރުގެ ދިގު މާޒީގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަގުނަ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމައިދީފައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީއަށާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީ އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement