ދައުލަތަށް ލިބުނު އާމްދަނީ އާއި ހިލޭ އެހީ 26.5 ބިލިއަން ރުފިޔާއަށް އަރައިފި
ކޯޕަރޭޓް އިންކަމް ޓެކްސް އާއި އާންމު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް (ޖީ.ޖީ.އެސް.ޓީ) ހިމެނޭހެން ދައުލަތަށް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެ، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު 26.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އެކުލަވާލައި އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ މިހާތަނަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.3 އިންސައްތަ އިތުރުވެފައެވެ.
ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީއަށް ބަލާއިރު، މިދިޔަ އަހަރު ލިބުނު 18.7 ބިލިއަން ރުފިޔާއިން މި އަހަރު ވަނީ 20.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 10.1 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި ހިމެނޭ ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް 2.7 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޖީ.ޖީ.އެސް.ޓީ އިން ލިބުނު އާމްދަނީ ވަނީ 10.4 އިންސައްތަ އިތުރުވެ 3.4 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އިމްޕޯޓް ޑިއުޓީން 2.0 ބިލިއަން ރުފިޔާ އަދި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސްގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ އިތުރުން ގްރީން ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޓެކްސްގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ.
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑާއި ހަރުމުދަލުން ލިބުނު އާމްދަނީ ހިމެނެއެވެ. އަދި ހިލޭ އެހީގެ ގޮތުގައި ލިބުނު 454.8 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރާ އަޅާބަލާއިރު ދެގުނައަށްވުރެ އިތުރު މިންވަރެކެވެ.
ޚަރަދުތަކަށް ބަލާއިރު، ރިކަރަންޓް ޚަރަދު ވަނީ 23.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި މުސާރައާއި ޕެންޝަނަށް 9.4 ބިލިއަން ރުފިޔާ އަދި ސަބްސިޑީއާއި އާސަންދައަށް ކުރި ޚަރަދުތައް ހިމެނެއެވެ. ކެޕިޓަލް ޚަރަދުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އޭގެ ތެރޭގައި ބިމާއި އިމާރާތްތަކުގެ އިތުރުން ބަނދަރު ހެދުން ފަދަ އުމްރާނީ މަޝްރޫއުތައް ހިމެނެއެވެ.
މި ރިޕޯޓުން ފާހަގަކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ދައުލަތުގެ ދަރަނި ދެއްކުމަށް ކުރަމުންދާ ހޭދައެވެ. އެގޮތުން ބޭރުގެ ލޯނުތައް އަދާކުރުމަށް މިހާތަނަށް 9.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 146 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ފިސްކަލް ބެލެންސް ހުރީ 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. ނަމަވެސް ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ. ސަރުކާރުން ދަނީ ދައުލަތުގެ މާލީ އިލްތިޒާމްތައް ފުރިހަމައަށް އަދާކުރުމަށް މަސައްކަތް ކުރަމުންނެވެ.
ރިއެކްޝަންސް





