މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

މިލަންދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ

1 hour ago - 15:16
Advertisement
Advertisement

ށ. މިލަންދޫގައި ތަރައްގީކުރާ ޑޮމެސްޓިކް އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމި، މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަން ސަރުކާރުން ހާމަކޮށްފިއެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.


މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނާޝިދު މީސްމީޑިއާގައި ވިދާޅުވީ، އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށިތާ އެންމެ 15 ދުވަހުގެ ތެރޭގައި، މުޅި މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.


މިލަންދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދުނިޔޭގެ މަޝްހޫރު ބޮސްކާލިސް ކުންފުނީގެ އެންމެ ބޮޑު އެއް ޑްރެޖަރު ކަމަށްވާ "ކުއިން އޮފް ދަ ނެދަލޭންޑްސް" ބޭނުންކޮށްގެންނެވެ. މިއީ 35,000 ކިއުބިކް މީޓަރުގެ ވެލި އުފުލުމުގެ ގާބިލުކަން ހުރި ބިޔަ ޑްރެޖަރެކެވެ. ޑެޕިއުޓީ މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މިފަދަ ބޮޑު ޑްރެޖަރެއްގެ އެހީގައި މަސައްކަތް ކުރިއަށްދާތީ، ކުރު މުއްދަތެއްގެ ތެރޭގައި ބިން ހިއްކުމުގެ ބޮޑު ބައެއް ނިންމާލެވުނެވެ.


މިލަންދޫގައި އެއާޕޯޓެއް އެޅުމަކީ އެ ރަށުގެ ރައްޔިތުންގެ ޒަމާންވީ އުންމީދަކަށްވާއިރު، ރައީސް ޑރ. މުއިއްޒު ވަނީ މި މަސައްކަތް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ނިންމަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.


މިލަންދޫ އެއާޕޯޓާއި ބަނދަރު ތަރައްގީ ކުރުމުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. ސަރުކާރުން ކަނޑައަޅާފައިވަނީ އަމަލީ މަސައްކަތް ފަށާތާ 8 މަސް ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލުމަށެވެ. ނަމަވެސް މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު، ކަނޑައެޅިފައިވާ މުއްދަތަށްވުރެ މާ އަވަހަށް މި މަސައްކަތް ނިމޭނެ ކަމަށް ބެލެވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement