ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރަނީ ޕީއެންސީ އާއި އެމްޑީޕީގެ ކެންޑިޑޭޓު

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރަނީ ޕީއެންސީ އާއި އެމްޑީޕީގެ ކެންޑިޑޭޓު

1 hour ago - 20:41

އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި ވާދަކުރުމަށް ކުރިމަތިލީ ރާއްޖޭގެ ބޮޑު ދެ ޕާޓީ ކަމަށްވާ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.


އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ މި ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 15:00 އާ ހަމައަށެވެ. ނަމަވެސް، ފަހުން އެ މުއްދަތު އިތުރުކޮށް، މި މަހުގެ ދެވަނަ ދުވަހުގެ 15:00 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ދީފައެވެ. އެ މުއްދަތު ހަމަވިއިރު ފޯމު ހުށަހަޅާފައިވަނީ އެ ދެ ޕާޓީގެ ފަރާތުން އެކަންޏެވެ.


ޕީއެންސީގެ ފަރާތުން މި އިންތިހާބުގައި ވާދަކުރައްވަނީ މޫލެކެޑެ ދާއިރާގެ މިހާރުގެ ކައުންސިލަރު އަހްމަދު ސައީދެވެ. އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސާދިގު (ސޯބެ) އެވެ.


ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާނުގެ މައްޗަށް ސާބިތު ދަރަންޏެއް އޮތްކަމަށް ކަނޑައަޅައި، އޭނާގެ ކިބައިން މެންބަރުކަމުގެ ޝަރުތު އުނިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި ސައީދާ ވާދަކުރައްވައި ކާމިޔާބު ކުރެއްވީ ކުރީގެ މެންބަރު ސިނާނެވެ. ނަމަވެސް، ދާއިރާގެ ރައްޔިތުންނާ މަޝްވަރާކުރެއްވުމަށްފަހު، އޭނާ ވާދަކުރައްވައިގެން އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ފެނިވަޑައިގަންނަވާތީ ސިނާނު ވަނީ ޕީއެންސީގެ ޓިކެޓު ދޫކޮށްލައްވަން ނިންމަވާފައެވެ. އެއާއެކު އެ ޕާޓީން ވަނީ ސައީދަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދީފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި މި ބައި-އިލެކްޝަނުގެ ވޯޓުލުން އޮންނާނީ އަންނަ ޖޫން މަހުގެ ހަވަނަ ދުވަހުއެވެ. އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow