ކައުންސިލަރުން ހުވާކުރުމުގެ އުސޫލު އެލްޖީއޭއިން އާންމުކޮށްފި
ފޮޓޯ- ޕީއެސްއެމް

ކައުންސިލަރުން ހުވާކުރުމުގެ އުސޫލު އެލްޖީއޭއިން އާންމުކޮށްފި

1 hour ago - 20:49

އަލަށް އިންތިޚާބުވެފައިވާ ކައުންސިލަރުން ހުވާކުރުމާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު ކުރިއަށްގެންދަންޖެހޭ ގޮތުގެ އުސޫލު ލޯކަލް ގަވަމަންޓް އޮޓޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފިއެވެ.


އެލްޖީއޭއިން ބުނިގޮތުގައި، އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާނީ މިމަހުގެ 17 ވަނަ ދުވަހު އެއް ވަގުތެއްގައެވެ.


އެ އޮތޯރިޓީން އާންމުކުރި އުސޫލުގައިވާ ގޮތުން، މި ދަރުބާރުގެ އެންމެހައި ކަންކަން އިންތިޒާމްކުރަންޖެހޭ ގޮތް ވަނީ ވަރަށް ތަފްސީލްކޮށް ބަޔާންކޮށްފައެވެ. މިގޮތުން، ރަށުގެ ވީހާވެސް ގިނަ ރައްޔިތުންނަށް މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ރަށުގައި އެކަން އާންމުކޮށް އިއުލާންކުރަން ޖެހޭނެއެވެ. އަދި ރަށުގައި ހުރި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނަށް މި ދަރުބާރަށް ވަޑައިގަތުމަށް ދައުވަތު ދޭންވާނެ ކަމަށްވެސް އުސޫލުގައިވެއެވެ.


ހުވާލައިދިނުމުގެ ކަންކަން އިންތިޒާމްކުރުމާ ގުޅޭގޮތުން އުސޫލުގައި ބުނެފައިވަނީ، ރަށުގައި ފަނޑިޔާރަކު ނެތް ނަމަ، ދަރުބާރަށް ވަޑައިގަންނަވާ ފަނޑިޔާރަށް ސެކްރެޓަރީ ޖެނެރަލް އިސްތިގްބާލުކުރުމުގެ އިންތިޒާމް ހަމަޖައްސަންވާނެ ކަމަށެވެ. އަދި ފަނޑިޔާރަކު ރަށަށް ގެނެވެން ނެތް ހާލަތެއްގައި އޮންލައިންކޮށް ހުވާލައިދޭނަމަ، އެކަމަށް ބޭނުންވާ މައުލޫމާތު ރަސްމިއްޔާތުގެ އެއް ދުވަސް ކުރިން ފަނޑިޔާރަށް ލިޔުމުން ހިއްސާކުރަން ޖެހޭނެއެވެ.


މީގެއިތުރުން، ރަސްމިއްޔާތުގެ ފޮޓޯތައް "މަގޭ ކައުންސިލް" ޕޯޓަލްއަށް ލަސްނުކޮށް އަޕްލޯޑްކުރުމަށާއި، ރާއްޖޭގެ ޓީވީ، ރޭޑިއޯ އަދި ނޫސް އިދާރާތަކަށް ދަރުބާރުގެ ފޮޓޯ އާއި ވީޑިއޯ ފޮނުވުމަށްވެސް އުސޫލުގައި ވަނީ އަންގާފައެވެ. އަދި ކައުންސިލާއި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ނިމޭތާ 3 ގަޑިއިރު ތެރޭގައި މެންބަރުންގެ މައުލޫމާތު ޕޯޓަލްގައި އަދާހަމަކުރަން ޖެހޭނެއެވެ.


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެންމެ ފުރަތަމަ ކައުންސިލަރުން ހުވާކޮށްފައިވަނީ 26 ފެބުރުވަރީ 2011 ގައެވެ. އޭގެ ފަހުން ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ޤާނޫނީ ގޮތުން ލާޒިމު ކަމެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow