ވޭތުވެދިޔަ ސަރުކާރުތަކުން ނުދައްކާ ވަރަށް ދަރަނި މި ސަރުކާރުން ދައްކައިފި

ވޭތުވެދިޔަ ސަރުކާރުތަކުން ނުދައްކާ ވަރަށް ދަރަނި މި ސަރުކާރުން ދައްކައިފި

13 hours ago - 10:11

ވޭތުވެދިޔަ ދެ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ދައްކާފައި ނުވާ މިންވަރަށް، މި ސަރުކާރުގެ ދެ އަހަރާއި ބައިގެ ތެރޭގައި ދައުލަތުގެ ދަރަނި ދައްކާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. އަތޮޅު މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ދަރަނި ދެއްކުމުގެ ތަފްޞީލުތައް ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދައްކާފައިވަނީ 953 މިލިއަން ޑޮލަރު ކަމަށާއި، އަދި ރައީސް ޔާމީނުގެ ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދައްކާފައިވަނީ 418.18 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ މިހާތަނަށް ވީ ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 1.29 ބިލިއަން ޑޮލަރު ދަރަނި ދައްކާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


މިހާތަނަށް ދައްކާފައިވާ 1.29 ބިލިއަން ޑޮލަރުގެ ތަފްޞީލަށް ބަލާއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • މިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރެއިން 891 މިލިއަން ޑޮލަރު.
  • ރައީސް ޔާމީނުގެ ސަރުކާރުގެ ދަރަނީގެ ތެރެއިން 195 މިލިއަން ޑޮލަރު.
  • ރައީސް ނަޝީދާއި ރައީސް ވަހީދުގެ ސަރުކާރުގެ ދަރަނީގެ ތެރެއިން 62.5 މިލިއަން ޑޮލަރު.
  • މި ސަރުކާރުން ނެގި ދަރަނީގެ ތެރެއިން 4.9 މިލިއަން ޑޮލަރު.

ރައީސް ވިދާޅުވީ ގިނަ އަދަދެއްގެ ދަރަނި ދެއްކި ނަމަވެސް، ކުރީގެ ސަރުކާރުތަކުން ރައްޔިތުންގެ ބޮލުގައި އަޅުވާފައިވާ ދަރަނީގެ ބޮޑުބައެއް އަދިވެސް ދައްކަން އެބައޮތް ކަމަށެވެ. އެގޮތުން ރައީސް މައުމޫނުގެ ސަރުކާރުން ފެށިގެން އެކި ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ތެރެއިން ބިލިއަނަކަށްވުރެ ގިނަ ޑޮލަރު އަދިވެސް ދައްކަން އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ގައުމު އިސްކޮށްގެން، ގައުމު ދެކެ ލޯބިވެގެން މި އަނދަވަޅުން ގައުމު ނެގުމަށް،" ރައީސް ވިދާޅުވިއެވެ.


އިގްތިސާދީ ކުރިއެރުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ޖީޑީޕީގެ ނިސްބަތުން ބޭރު ދަރަނި 2023 ގެ ނިޔަލަށް 51.3 އިންސައްތައިގައި ހުރި ނަމަވެސް، މިއަހަރުގެ މެއި މަހުގެ ނިޔަލަށް އެ އަދަދު 44.5 އިންސައްތައަށް ދަށްކުރެވިފައިވާ ކަމަށެވެ. އަދި ސަރުކާރުގެ ސީދާ ދަރަނިވެސް 108.8 އިންސައްތައިން 104.8 އިންސައްތައަށް ދަށްކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow