އާރަށުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި އާ ހެކިތަކާ މެދު ސުޕްރީމް ކޯޓުން އަންނަ މަހު ހުކުމް ކުރަނީ

އާރަށުގެ މައްސަލައިގައި ދައުލަތުން ހުށަހެޅި އާ ހެކިތަކާ މެދު ސުޕްރީމް ކޯޓުން އަންނަ މަހު ހުކުމް ކުރަނީ

13 hours ago - 10:16

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތެރޭގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ހުކުމް ކުރުން އަންނަ މަހުގެ ފުރަތަމަ ދުވަހަށް ތާވަލުކޮށްފިއެވެ.


ސުޕްރީމް ކޯޓުން މި މައްސަލައިގެ ހުކުމް އިއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ 1 ވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.


ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި މި މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާއިރު، ހައިކޯޓުން ވަނީ ދައުލަތުން ހުށަހެޅި ބައެއް އާ ހެކިތައް ބަލައިގަތުމުގެ އިޖުރާއަތް ނުބައިކަމަށް ބުނެ، އެ ހެކިތައް އެއްފަރާތްކުރުމަށް އަންގާފައެވެ.


ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ، ހައިކޯޓުގެ އެ ނިންމުމަކީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ނިންމުންތަކާ ފުށުއަރާ ނިންމުމެއް ކަމަށް ބުނެއެވެ. ދައުލަތުން އެދިފައިވަނީ ހެކިތައް އެއްފަރާތްކުރުމަށް ހައިކޯޓުން ކުރި އަމުރު ބާތިލުކޮށް، އެ ހެކިތަކާ ގުޅޭގޮތުން ބަހުސްކުރުމުގެ ފުރުސަތު ދިފާއީީ ފަރާތަށް ދިނުމަށްފަހު، އެ ހެކިތައް ބަލައިގަތުމާ މެދު ދަށު ކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް އަމުރުކޮށްދިނުމަށެވެ.


މި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ރިޝްވަތު ދިންކަމުގެ ކުށް ސާބިތުވި ޔޫސުފް ނައީމްގެ މައްޗަށް އިއްވި 3 އަހަރުގެ ޖަލު ހުކުމްވެސް ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. ސުޕްރީމް ކޯޓުން އަންނަ މަހު ކުރާ ހުކުމާއެކު، ދަށު ކޯޓުގައި މި މައްސަލަ އަލުން ހިނގާއިރު އެ ހެކިތައް ބޭނުންކުރެވޭނެތޯ ނުވަތަ ނޫންތޯ ކަށަވަރުވެގެންދާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow