ކުލި ނުދެއްކުމުން ހުޅުމާލޭގެ 'ރިވެލި ރެސްޓޯރެންޓް' ހިންގި ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެންގޮސްފި
ކުލި ނުދައްކައި ގިނަ ދުވަސްތަކެއް ވެފައިވާތީ، ހުޅުމާލޭގައި ހިންގަމުން އައި މަގުބޫލު "ރިވެލި ރެސްޓޯރެންޓް" ހިންގާ ބިމުގެ އެއްބަސްވުން ބާތިލުކޮށް، އެ ބިން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އެޗްޑީސީން މިއަދު އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ހުޅުމާލޭގެ ލޮޓް ނަންބަރު 10877 ގައި ސޮލާރިސް ހޮސްޕިޓާލިޓީ ޕްރައިވެޓް ލިމިޓެޑުން ހިންގަމުންދިޔަ ވިޔަފާރީގެ އެއްބަސްވުން ވަނީ ބާތިލުކުރެވިފައެވެ. އަދި މިއަދުން ފެށިގެން އެ ބިން އެ ކޯޕަރޭޝަނުގެ ބެލުމުގެ ދަށަށް ގެނެވިފައިވާތީ، ސޮލާރިސް ހޮސްޕިޓާލިޓީއަށް އެ ބިމުގައި އެއްވެސް ބާވަތެއްގެ ވިޔަފާރި މުއާމަލާތެއް އަދި އެއްވެސް ޚިދުމަތެއް ދިނުމުގެ ހުއްދައެއް ދެން ނޯންނާނެ ކަމަށް ވެސް އެޗްޑީސީން ވަނީ ހާމަކޮށްފައެވެ.
މި ފިޔަވަޅު އަޅަން ޖެހުނު ސަބަބު ހާމަކުރަމުން އެޗްޑީސީން ބުނީ، މި ނިންމުމަކީ ކުލި ނުދައްކައި ދިގު މުއްދަތެއް ވެފައިވާތީ ނިންމި ނިންމުމެއް ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ދޭންޖެހޭ އެންމެހައި ނޯޓިސްތަކާއި، ފައިސާ ދެއްކުމަށް އެކަށީގެންވާ ގިނަ ފުރުސަތުތަކެއް އެ ކުންފުންޏަށް ދީފައިވާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ. މީގެއިތުރުން، އެޗްޑީސީން ބުނީ މިއީ އާންމުންނަށް ޚިދުމަތް ދިނުމަށް ހުޅުމާލޭގައި ގާއިމުކޮށްފައިވާ ވިޔަފާރިތަކަށް ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ލުއިފަސޭހަތަކާއި ފުރުސަތުތައް ދިނުމަށްފަހު، އެންމެ ފަހު މަރުހަލާގައި އަޅަން މަޖުބޫރުވި ފިޔަވަޅެއް ކަމަށެވެ.
އެޗްޑީސީގެ އަބަދުވެސް އަމާޒަކީ ހުޅުމާލޭގައި ވިޔަފާރިކުރާ އެންމެހައި ފަރާތްތަކަށް ވީހާވެސް ފަހި މާހައުލަކާއި ފުރުސަތުތަކެއް ހޯދައިދިނުން ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހުޅުމާލޭ ރުއްގަނޑު އެކެއް ސަރަހައްދުގައި ހިންގަމުން އައި "ރިވެލި ބީޗް ކުލަބް އެންޑް ރެސްޓޯރެންޓް" އަކީ ގޮނޑުދޮށުގެ ހިތްގައިމު މަންޒަރުތައް ފެންނަ ގޮތަށް އިންޑޯ އަދި އައުޓްޑޯ ޚިދުމަތް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ، އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ތަނެކެވެ. މިއީ ޚާއްސަ ޑިނާތަކާއި ކައިވެނީގެ ހަފުލާތައް ބޭއްވުމަށް ވެސް ގިނަ ބަޔަކު ބޭނުންކުރަމުން އައި މަޝްހޫރު ރެސްޓޯރެންޓެކެވެ.
ރިއެކްޝަންސް





