ހިންމަފުށީ ރިހެބުން ފިލި ފައިރިޝް އަލުން ހައްޔަރުކޮށްފި
އަވަށްޓެރިންނަށް އުނދަގޫކޮށް ފުރައްސާރަކުރާ މައްސަލައިގައި ހައްޔަރުކުރުމަށްފަހު، ފަރުވާއަށް ކ. ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރަށް ބަދަލުކޮށްފައި ހުއްޓައި އެތަނުން ފިލި އަޙްމަދު ފައިރިޝް އަނެއްކާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރަށް ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ބަދަލުކުރުމުން، މެންދުރުފަހުގެ ވަގުތެއްގައި އޭނާ ވަނީ އެ މަރުކަޒުން ފިލާފައެވެ. ނަމަވެސް، އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން، އޭނާ ހުރި ތަން ދެނެގަނެ، މާލެއިން ވަނީ އަލުން އަތުލައިގެންފައެވެ.
ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުމާއި، މާރާމާރީ ހިންގުމުގެ އިތުރުން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ފައިރިޝް އެންމެ ފުރަތަމަ ހައްޔަރުކުރީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އެހެންނަމަވެސް، ފައިރިޝް ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.
ފައިރިޝް ހައްޔަރުކުރަން މަޖުބޫރުވީ، މާލޭގެ ހ. ކަށިމާ ހިނގުމާއި ދޫހިމެރި މަގުގައި ދިރިއުޅޭ މީހުންނަށާއި މަގުން ހިނގާބިނގާވެ އުޅޭ ފަރާތްތަކަށް އޭނާ ކުރަމުންދިޔަ ގޯނާތަކަށް ހައްލެއް ނުލިބިގެން، އެ ސަރަހައްދުގައި ދިރިއުޅޭ މުޙައްމަދު ސަޢީދު ނަމަކަށް ކިޔާ މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފެށުމާ ގުޅިގެންނެވެ. ސަޢީދު އޭރު ބުނެފައިވަނީ، ފައިރިޝްގެ އުނދަގޫތަކުގެ މައްސަލަ ކަމާބެހޭ އިދާރާތަކަށް ހުށަހަޅާތާ ދޮޅު އަހަރު ވެގެންދިޔައިރު ވެސް އެކަށީގެންވާ ފިޔަވަޅެއް އެޅިފައި ނުވާ ކަމަށެވެ.
ފައިރިޝްއަކީ ބިރުދެއްކުމާއި މުދަލަށް ގެއްލުންދިނުން ފަދަ އެކި މައްސަލަތަކުގައި މީގެ ކުރިން ވެސް ތަކުރާރުކޮށް ފިޔަވަޅު އަޅައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެކެވެ.
ރިއެކްޝަންސް





