ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހުޅުމާލެއިން ބިން ހަވާލުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު މިސްކިތް އެޅުމަށް ހުޅުމާލެއިން ބިން ހަވާލުކޮށްފި

1 hour ago - 12:11
Advertisement
Advertisement

ރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި އެޅުމަށްޓަކައި ބޭނުންވާ ބިން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.


މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރުއެވެ.


މި ބޮޑު މިސްކިތް ބިނާކުރުމަށް ކަނޑައަޅާފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސާއި ތިންވަނަ ފިޔަވަހި ގުޅޭ ސަރަޙައްދުގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައިވާ، ދިވެހިރާއްޖޭގެ އިސްލާމީ އައިޑެންޓިޓީ ވަރުގަދަކުރުމަށް ކުރިއަށްގެންދާ ވަރަށް މުހިންމު މަޝްރޫޢެކެވެ.


މި މަޝްރޫޢަށް ފައިނޭންސް ކުރުމަށްޓަކައި ސައުދީ އަރަބިއްޔާގެ އަލްރަޖްހީ ކުންފުންޏާއެކު އިސްލާމީކަންތައްތަކާއި އައުގާފާ ބެހޭ ވުޒާރާއިން މިހާރު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ވަޒީރު ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، މި މިސްކިތް ކޮމްޕްލެކްސްއަކީ ހަމައެކަނި ނަމާދުކުރާ ތަނެއް ނޫނެވެ. މި ތަނުގައި ކީރިތި ޤުރުއާނާ ބެހޭ މިއުޒިއަމަކާއި، އިސްލާމީ ތަރުބިއްޔަތާއި ތަމްރީނަށް ބޭނުންވާ ތަފާތު ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.


މި މިސްކިތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ. އެގޮތުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މި މަޝްރޫޢުގެ ބިންގާ އެޅުމަށްޓަކައި ކުރަންޖެހޭ އެންމެހާ ތައްޔާރީތައް ވުޒާރާއިން މިހާރު ދަނީ ބާރުގަދަ މިނެއްގައި ކުރަމުންނެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement