އެލްޖީއޭގެ ރައީސްގެ މަޤާމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ޢައްޔަންކުރައްވައިފި
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަޤާމަށް، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ޙަސަން ޒަރީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މިކަން ހާމަކުރައްވައި އެލްޖީއޭ އިން ބުނީ، އެ އޮތޯރިޓީގެ ރައީސްގެ މަޤާމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިއަދު ޢައްޔަންކުރައްވާފައިވާ ކަމަށެވެ. މިއީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން އެކުލަވައިލާފައިވާ އެލްޖީއޭގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޅުއްވި ފިޔަވަޅެކެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާއާއި، ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، އެ އޮތޯރިޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މި ވަޒީރެވެ.
ޙަސަން ޒަރީރު މި މަޤާމަށް ޢައްޔަންކުރެއްވުމާ ގުޅިގެން، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި، މާލީ ސިޔާސަތުތަކާ އެއްގޮތަށް ކައުންސިލްތައް ބާރުވެރިކުރުވުމުގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





