ވައިގެމަގުން އެތެރެކުރަން އުޅުނު 6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގަތީ އިއްޔެ ރާއްޖެ އައި ފަސިންޖަރަކާ މެދު ޝައްކުކުރެވިގެން، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާ ހުއްޓުވައި ބަލައި ފާސްކުރުމުގެ ތެރޭގައެވެ. މި ފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުން ފެނުނު ތަކެތި ތަޙުލީލުކުރިއިރު، އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ވަނީ ޕޮޒިޓިވް ވެފައެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 8,490 ގްރާމް (8.4 ކިލޯ) ހުރިއިރު، މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ދިވެހި ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ. މިއީ ފަހަކަށް އައިސް ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓެއްކަން އެ އިދާރާއިން ފާހަގަކުރެއެވެ.
ކަސްޓަމްސްއިން އިތުރަށް ވިދާޅުވީ، މި މައްސަލައިގައި ހިމެނޭ މީހާއާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރު ތަޙުޤީޤަށް ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައެވެ. ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން އަންނަނީ ބޯޑަރުތަކުގައި ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.
ރިއެކްޝަންސް

