ރާއްޖޭގައި ކުރިން އޮތް ސިޔާސީ ހަލަބޮލިކަން ނިމި، ސިޔާސީ ހަމަޖެހުން ގާއިމުކޮށްދެވިއްޖެ: ރައީސް
ރާއްޖޭގައި ކުރިން އޮތް ސިޔާސީ ހަލަބޮލިކަމަށް ނިމުން ގެނެސް، ސިޔާސީ ލީޑަރުންނަށް ވެސް ސިޔާސީ ގޮތުން ހަމަޖެހުން ގާއިމުކޮށްދެއްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޕީއެންސީގެ މަތީ މަޖިލިސް (ކޮންގްރެސް) ފެށުމަށް ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މީގެކުރިން އޮތް ސިޔާސީ ހަލަބޮލިކަން ނައްތާލެވި، ސިޔާސީ ވާދަވެރިންގެ މެދުގައި އޮތް ބަދަލުހިފުމުގެ ރޫހު މުޅިން ފޮހެލެވިފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި އެއްވެސް ސިޔާސީ ލީޑަރަކު ޖަލަށްލާފައި ނުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"ތިން އަހަރުވާން މި ދަނީ އެއްވެސް ސިޔާސީ ލީޑަރެއް ޖަލަކަށް ނުލަން. މިހާރު އެއްވެސް ސިޔާސީ ލީޑަރަކަށް ނޯންނާނެ ބިރުވެރިކަމެއް އެ ބޭފުޅަކު ބޭނުންވާ ސިޔާސީ މަސައްކަތެއް ކުރުމުގައެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން، ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުން ކަމަށްވުމާއެކު، ސިޔާސީ ހަރަކާތްތައް ހިންގުމުގައި ވެސް އިސްލާމްދީނުގެ މިންގަނޑުތަކުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން މިހާރުގެ ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް މިއަދު ނޯންނާނެ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް

