ޕީއެންސީގެ މަތީ މަޖިލިސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންފި
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް (ކޮންގްރެސް) ފެށުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
މިރޭ ކުރިއަށް ދިޔަ މި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ސަރުކާރާއި ޕީއެންސީގެ އިސް މަގާމުތަކުގައި ތިއްބެވި އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕީއެންސީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ގިނަ އިސްލާހުތަކަކާއެކު އެކުލަވައިލި އާ އަސާސީ ގަވާއިދު، މިއަދު ހެނދުނު ބޭއްވި އެ ޕާޓީގެ މަތީ މަޖިލީހުގެ ދަންފަޅީގައި ވަނީ ފާސްކޮށް އެންޑޯސްކޮށްފައެވެ. ޕާޓީ އުފެދުނީއްސުރެ މިހާތަނަށް އަސާސީ ގަވާއިދަށް ގެނެސްފައިވާ ހުރިހާ ބަދަލުތަކުގެ ތަފުސީލު މަންދޫބުންނާ ހިއްސާކުރުމަށްފަހު، މި ގަވާއިދު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 1،064 މަންދޫބުންގެ އިއްތިފާގުންނެވެ.
މި އިސްލާހުތަކާ ގުޅޭގޮތުން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވީ، އަސާސީ ގަވާއިދު އަލުން ބައްޓަންކުރަން ޖެހުނު މައިގަނޑު ސަބަބަކީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވެ، ހިންގުމުގެ ނިޒާމު އިތުރަށް ފުޅާކުރަން ޖެހުމުން ކަމަށެވެ. އަދި އާންމު މެންބަރުންނަށް ޕާޓީގެ އިސްސަފުން ފުރުސަތުތައް ފަހިކޮށްދިނުމަކީވެސް މީގެ މުހިންމު މަގުސަދެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް

