ތިލަމާލެ ބްރިޖުގެ މަސައްކަތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމުގެ އުންމީދު ބޮޑު: ރައީސް
ތިލަމާލެ ބްރިޖު މަޝްރޫޢުގެ މުޅި ޕްރޮޖެކްޓް ކުރިއަށްއޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް އެއްކޮށް ނިންމާލެވޭނެ ކަމުގެ ބޮޑު އުންމީދެއް އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސައްކަތް ނިމޭނެ ސީދާ ވަކި ތާރީޚެއް ދަންނަވަން ދަތިވި ނަމަވެސް، އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ޕްރޮޖެކްޓް އެއްކޮށް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް މި މަޝްރޫޢު އެއްކޮށް ނިމިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެއިތުރުން، މި މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ އެއްބާރުލެއްވުމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދު މިފަދަ ލޭންޑް ލިންކަކުން ގުޅިގެން ދިއުމަކީ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޢުމްރާނީ ގޮތުން މުޅި ސަރަހައްދުގެ ތަރައްޤީއަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި މަޝްރޫޢަކީ އެމަނިކުފާނު ހައުސިންގ މިނިސްޓްރީގައި ހުންނެވި ދުވަސްވަރު އެކުލަވާލި އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްލޭންގެ ތެރޭގައި ހިމެނޭ ކޮންސެޕްޓެއް ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އޭރު ހައުސިންގ މިނިސްޓްރީގައި ހުރިއިރުގައި ހެދިގެންދިޔަ ޕްލޭންގެ ތެރޭގައިވެސް އޮތް ކޮންސެޕްޓްގެ ތެރެއިން ހާސިލުވެގެން މި ދަނީ. އޭގެ ސަބަބުން އިރާދަކުރެއްވީތީ އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބައިވަރު ދޮރުތައް އިރާދަކުރެއްވިއްޔާ މި ހުޅުވަނީ." ރައީސް ވިދާޅުވި އެވެ.
މާލެއާއި ވިލިމާލެއާ ދެމެދު ބްރިޖު ބޭނުންކުރަން ފެށުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ރަށް ދެމެދު ގުޅުވާލެވުނު ނަމަވެސް، ސައިޓް ހުރީ ގުޅިފަޅުގައި ކަމަށްވާތީ، މުޅި ބްރިޖުގައި ތާރުއެޅުން ފަދަ ޓެކްނިކަލް މަސައްކަތްތައް ނިންމަން ޖެހޭ ކަމަށެވެ. އެހެންކަމުން ބްރިޖް އެއްކޮށް ބޭނުންކުރަން ފެށޭނީ ތިލަފުއްޓާ ހަމައަށް ގުޅިގެން ދިއުމުން ކަމަށް ބެލެވޭ ކަމަށާއި، މި މަޝްރޫޢަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން، ތިލަމާލެ ބްރިޖު މަޝްރޫޢުގެ ކޮލިޓީ ރަނގަޅުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށް ވިދާޅުވަމުން ރައީސް ފާހަގަކުރެއްވީ، މި މަޝްރޫޢުގެ ކޮލިޓީ ބަލަހައްޓަމުން ގެންދަނީ ސިނަމާލެ ބްރިޖުގެ މަސައްކަތް ވެސް ބެލެހެއްޓި ދުނިޔޭގެ މަޝްހޫރު އާރަޕް ކުންފުނިން ކަމަށެވެ.
"ބްރިޖް ޕްރޮޖެކްޓްގެ ކޮލިޓީ އަޅުގަނޑުމެން އޭރުވެސް ވަރަށް ރަނގަޅަށް ބެލިން. އެހެންވެ، އެ ކުންފުނީގެ ފެންވަރު އެނގޭތީ ޔަގީންވަނީ މި ޕްރޮޖެކްޓްގެ ކޮލިޓީވެސް ހަމަ އެފެންވަރުގައި ހިފެހެއްޓޭނެކަން." ރައީސް ވިދާޅުވި އެވެ.
ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީއެމްސީޕީ) ގެ ދަށުން ކުރިއަށްދާ މި މަޝްރޫޢަކީ ޖުމްލަ 6.7 ކިލޯމީޓަރުގެ ދިގުމިން ހުންނަ، ބްރިޖުތަކާއި ކޯޒްވޭތަކުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލަދޭ ނެޓްވަރކެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢެވެ.
ޖުމްލަ 500 މިލިއަން ޑޮލަރު (7 ބިލިއަނަށްވުރެ ގިނަ ރުފިޔާ) ގެ މި ބިޔަ މަޝްރޫޢަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި، 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އިތުރުން ދިވެހި ސަރުކާރުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
ރިއެކްޝަންސް

