ފުވައްމުލަކުގެ ދޫނޑިގަން ދާއިރާގެ ކެމްޕެއިން ވަރުގަދަކުރުމަށް މެންބަރު އިއްބެ ޓީމުތަކާ ބައްދަލުކުރައްވައިފި
ދޫނޑިގަން ދާއިރާގެ އިންތިޚާބީ ކެމްޕެއިން ހަރަކާތްތައް އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް އިންތިޚާބަށް ފުރިހަމައަށް ތައްޔާރުވުމުގެ ގޮތުން، ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވާފައިވާ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އިބްރާހީމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
ފުވައްމުލަކުގައި ބޭއްވި މި ބައްދަލުވުމުގައި، ކެމްޕެއިންގެ މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މެންބަރު އިއްބެ ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތްތަކާއި، ކެމްޕެއިންގެ ތެރެއިން ކުރިމަތިވި ގޮންޖެހުންތައް މި ބައްދަލުވުމުގައި އޮޅުންފިލުއްވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން، ވޯޓުލާ ދުވަހަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް ފުރިހަމަކުރުމަށާއި، ކުރިއަށް އޮތް ދުވަސްތަކުގެ ހަރަކާތްތައް ތަރުތީބުކޮށް، ކާމިޔާބު ނަތީޖާއެއް ހާސިލުކުރެވޭނެ ފަދަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް މެންބަރު ވަނީ ކެމްޕެއިން ޓީމުތަކަށް އިރުޝާދު ދެއްވާފައެވެ.
މެންބަރު އިއްބެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގެ ސަބަބުން ކެމްޕެއިން ޓީމުތަކުގެ ގުޅުން އިތުރަށް ބަދަހިވެ، އިންތިޚާބު ކާމިޔާބުކުރުމަށް ކުރާ މަސައްކަތްތަކަށް އާ ދިރުމަކާއި ހިތްވަރެއް ލިބިގެންގޮސްފައިވެއެވެ. އަދި، މި މަސައްކަތް ނިމިގެންދާނީ ދޫނޑިގަން ދާއިރާއަށް ލިބޭ ބޮޑު ކާމިޔާބީއަކުންކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށްވެސް މެންބަރު އިއްބެ ވިދާޅުވިއެވެ.
ރިއެކްޝަންސް



